ޚަބަރު
ހުޅުމާލެ ރުއްގަނޑު އެކެއްގެ ސަރަޙައްދު ފިޔަވާ ، އެހެން ސަރަޙައްދަކަށް ކަރަންޓު ނުލިބޭނަމަ 104 އަަކަށް ގުޅުއްވާ : ސްޓެލްކޯ

ސްޓެލްކޯގެ ޓްރާންސްފޯމަރ އެއް ފޮޓޯ: އެމްވީ ޕްލަސް
މިއަދު މެންދުރުފަހު 12:35 ގައި މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައިގައި، މިހާރު ގިނަ ސަރަޙައްދުތަކަށް ކަރަންޓު ލިބިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މަޢުލޫމާތު ދީފިއެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ހުޅުމާލޭ ރުއްގަނޑު 1 ސަރަޙައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއް ފިޔަވައި އެހެން ހުރިހާ ޓްރާންސްފޯމަރެއް މިހާރު ވަނީ އެނަރޖައިޒް ކުރެވިފައެވެ. އަދި މާލޭގެ ހުރިހާ ސަރަޙައްދަކަށް މިހާރު ވަނީ ކަރަންޓު ދެވިފައެވެ.
ހުޅުމާލޭ ރުއްގަނޑު 1 ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އަވަހަށް ސްޓެލްކޯގެ އިމަރޖެންސީ ނަންބަރު 104 އަށް ގުޅުއްވުމަށް ސްޓެލްކޯއިންވަނި އިލްތިމާސްކުރައްވާފައެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯއިން ހާމަކުރި ގޮތުގައި ކަރަންޓު ކެނޑެން ދިމާވީ އިންޓަ ކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް މާ ބޮޑު މައްސަލައެއް ދިމާވެފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިއަދުގެ އިރުއޮއްސުމުގެ ކުރިން މުޅި މާލެއަށް ކަރަންޓު ދެވޭނެ ކަމަށް އެ ކުންފުނިން އުންމީދުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ. މިއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި މައްސަލަ އިތުރަށް ބެލުމަށް ޚާއްސަ ތަޙުޤީޤެއް ފަށާފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުލްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑުނު ނަމަވެސް ހޮސްޕިޓަލުން ފޯރުކޮށްދޭންޖެހުނު އެއްވެސް ފަރުވާއަކަށް ބުރުއެއް ނާރައެވެ. ވިލިނގިލީ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ތަނަކުން ކަރަންޓު ދިޔަ ނަމަވެސް، ބެކަޕް ޖަނަރޭޓަރު ސެޓުތައް ބޭނުންކޮށްގެން ހޮސްޕިޓަލްގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން އެމްޓީސީސީން ވަނީ ބަހުގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. މި އިންތިޒާމު ހަމަޖައްސާފައިވަނީ ޓިކެޓިން ޚިދުމަތަށް ބުރުއެރުމުގެ ސަބަބުންނެވެ.
ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ކަރަންޓު ކެނޑުނު މައްސަލަ ދެނެގަތުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. ޖަނަރޭޓަރުތަކުގެ ޗެކަޕް ހެދުމަށްފަހު، މާލޭގެ އެކި ސަރަހައްދުތަކަށް 2 ޖަހާ އެހާކަންހާއިރުން ފެށިގެން ކަރަންޓުދޭން ފެށިއެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.