Ads by Stelco

ޚަބަރު

ޓޯވް ކުރުމުން ނުގެންގޮސް ހުރި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުތަކެއް ނައްތާލައިފި

ޓޯވް ކުރުމުން ނުގެންގޮސް ހުރި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުތަކެއް ނައްތާލައިފި

ޓޯވްކޮށްފައި ހުރި ވެހިކަލްތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސްހުރި ވެހިކަލްތައް ފުލުހުން ނައްތާލަނީ/ފޮޓޯ: ފުލުހުން

02 ޖޫން 2025، 12:03

އެކިއެކި ސަބަބުތަކާ ހުރެ ޓޯވް ކުރުމުގެ ސަބަބުން ވެރިފަރާތުން ނުގެންގޮސް ހުރި ގިނަ އަދަދެއްގެ އެއްގަމު އުޅަނދުތަކެއް ނައްތާލާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިމިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ޤަވާއިދާ ޚިލާފަށް މާލޭ އޭރިއާގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓޯވް ކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން ޖުމްލަ 568 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އެގޮތުން، ނައްތާލެވުނު އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ، ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދުކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތުގެ ތެރެއިން 2024 ވަނަ އަހަރު ޖުމްލަ 15،514 އުޅަނދެއް ޓޯވކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ހިންގި ޓޯވް އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދެއް އެ އިދާރާގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރެއިން %75 އުޅަނދަކީ ސައިކަލެވެ.

މިދިޔަ އަހަރު ޓޯވކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 11،645  ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކެވެ. އަދި އޭގެ ތެރެއިން 546  އުޅަނދެއް ނައްތާލާފައިވާއިރު، 13،562  އުޅަނދެއް ވަނީ އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. މި އޮޕަރޭޝަންތަކާ ގުޅިގެން ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިންމެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS