ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރާއި ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރާއި ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރާއި ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރު އޮނަރަބަލް ރިޗާޑްސް މާލްސް އެމްޕީ އާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު ދިފާޢީ ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ހަމަ އެހެންމެ، ދެ ޤައުމުން ގުޅިގެން ފަތުރުވެރިކަމާ ބެހޭ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އެއްބާރުލުން ދެވެންހުރި ދާއިރާތަކުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެ ފަރާތުން ވެސް އެރުއްވުމަށް ފަހުގައެވެ.