ޚަބަރު
ޙައްޖު ދުވަހާއި އަޟްޙާ ޢީދު ބަންދުގައި އިމިގްރޭޝަންގެ ޚިދުމަތްތައް ދޭނެ ގަޑިތައް އިޢުލާނުކޮށްފި

އިމިގްރޭޝަންގެ ޚިދުމަތް ދެނީ/ފޮޓޯ: އިމިގްރޭޝަން
ޙައްޖު ދުވަހާއި އަޟްޙާ ޢީދު ބަންދުގައި މޯލްޑިވްސް އިމިގްރޭޝަންގެ އެކި ޚިދުމަތްތައް ދިނުމަށް ކަނޑައަޅާފައިވާ ގަޑިތައް އިޢުލާން ކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޙައްޖު ދުވަހާއި އަޟްޙާ ޢީދު ބަންދާ ގުޅިގެން އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތްތަކުގެ ގަޑިތައް ބަދަލުވާނީ މިމަހުގެ 5 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެގޮތުން، އިމިގްރޭޝަނުން ދެމުން ގެންދާ ދިވެހި ޕާސްޕޯޓުގެ ޚިދުމަތުގެ ތެރެއިން، ޕާސްޕޯޓަށް އެދި ހުށައެޅުން "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބެން ހުންނާނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. އަދި ޕާސްޕޯޓު ނެގުމަށް ނަމްބަރު ދޫކުރާ ގަޑިއަކީ، ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މި ޚިދުމަތް ދެވޭނީ ހަމައެކަނި މާލެ ސަރަޙައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުންނެވެ. ނަމަވެސް، އަޟްޙާ ޢީދު ދުވަހު މި ޚިދުމަތް ބަންދުވާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ދެމުން ގެންދާ ވިސާގެ ޚިދުމަތް މިމަހުގެ 5 އިން ފެށިިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ދިނުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެމަރޖެންސީ ޙާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރާ ބިދޭސީ ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. ހަމަ އެހެެންމެ، ރާއްޖެއަށް އަންނަ ފަރާތްތަކަށް މި ދުވަސްތަކުގައި ވެސް އިމުގާ ޕޯޓަލް މެދުވެރިކޮށް "ސްޕޮންސަރޝިޕް ޑެކްލެރޭޝަން" އަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
އިމިގްރޭޝަންގެ އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތްތައް ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަސް ފިޔަވައި އެހެނިހެން ދުވަސްތަކުގައި ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އަށް ލިބޭނެކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މާލޭގައި ހުންނަ ސީޕޯޓު ޑިވިޜަންގެ ޚިދުމަތްތައް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 06:00 އިން ރޭގަނޑު 22:00 އަށް ލިބޭނެއެވެ. އަދި ހުކުރު ދުވަހު މި ޚިދުމަތް ލިބޭނީ މެންދުރުފަހު 14:30 އިން ރޭގަނޑު 22:00 އާއި ހަމައަށްކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އެމަރޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް ގުޅުއްވާނީ 9555333 ނަމްބަރ އަށް ކަމަށެވެ. އަދި އެމަރޖެންސީ ޙާލަތްތަކުގައި ވޯކް ވިސާގެ ޚިދުމަތް ހޯދުމަށް 9199513 އަށް ގުޅުއްވުމަށް އެދިވަޑައިގެންފައިވާއިރު، ޕަރމިޓް ވިސާ ހޯދުމަށް 9199157 އަށް ގުޅޭނެއެވެ. މީގެ އިތުރުން، އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ އެމަރޖެންސީ ޙާލަތްތަކުގައި 7980408 ނުވަތަ 9199320 އަށް ގުޅޭނެއެވެ. އަދި ސީޕޯޓު ސީޕޯޓު ޑިވިޜަންގެ އެމަރޖެންސީ ޙާލަތްތަކުގައި 9199187 އަށް ގުޅޭނެއެވެ.