ޚަބަރު
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިޓަލީވިލާތުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އިޓަލީވިލާތުގެ ދިދަ/ފޮޓޯ: އައިސްޓޮކް
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އިޓަލީވިލާތުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
ވަޒީރު ވަނީ، އިޓަލީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑު ވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޓޯނިއޯ ތަޖާނީ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
މި މެސެޖުގައި ވަޒީރު ވިދާޅުވީ، އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޓަލީގެ ޚާރިޖީ ވަޒީރަށާއި، އިޓަލީވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ގާތް ރަހްމަތްތެރިކަމާ އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ކުރިއެރުވުުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، އިޓަލީގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ އެކަން ޔަޤީންކޮށް އެރުއްވުމަށް ފަހުގައެވެ.