ދުނިޔެ
އިޓަލީގެ އެޓްނާ ފަރުބަދައިން އަޅިއާއި ގޭސް އަރަން ފަށައިފި

އިޓަލީގެ އެޓްނާ ފަރުބަދަ
ޔޫރަޕްގެ އެންމެ ބޮޑު އަލިފާން ފަރުބަދަ ކަމުގައިވާ އިޓަލީގެ އެޓްނާ ފަރުބަދައިން ބޮޑު އަޅިގަނޑަކާއި ގޭހާއި ހިލަ މައްޗަށް އަރަން ފަށައިފިއެވެ. މިކަން ހިނގާފައިވަނީ ފަރުބަދައިގެ ދެކުނު-އިރުމަތީ ބައިގެ ބައެއް ވެއްޓުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޖިއޯފިޒިކްސް އެންޑް ވޮލްކެނޮލޮޖީ (އައި.އެން.ޖީ.ވީ) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ސިސިލީ ޖަޒީރާގައި ހުންނަ މި ފަރުބަދައިން ހޯމަ ދުވަހުގެ ހެނދުނު 11:24 ގައެވެ. ފަރުބަދައިން އަރާފައިވާ އަޅިގަނޑު ފެންނަ މަންޒަރުތައް ވަނީ ފެތުރިފައެވެ.
އައި.އެން.ޖީ.ވީ އިން ބުނެފައިވާ ގޮތުގައި ފަރުބަދައިގެ ދެކުނު-އިރުމަތީ ބައިގެ އުތުރު ފަރާތުން ތަކެތި ނިކުތުމުގެ ސަބަބުން "ޕައިރޮކްލާސްޓިކް ފްލޯ" އެއް އުފެދުނު ކަމަށް ބެލެވެއެވެ. ޕައިރޮކްލާސްޓިކް ފްލޯ އަކީ ފަރުބަދައިގެ ހިލައާއި އަޅިއާއި ހޫނު ގޭސް އެއްފަހަރާ ބޭރުވުމެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
އައި.އެން.ޖީ.ވީ އިން އިތުރަށް ބުނެފައިވާ ގޮތުގައި މި ގޮވުން ވަނީ "ލާވާ ފައުންޓެއިން" އަކަށް ބަދަލުވެފައެވެ. އަދި އަޅިގަނޑު ދެކުނު-ހުޅަނގަށް ފެތުރިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މަތިންދާބޯޓު ދަތުރުފަތުރުގެ އިދާރާތަކަށް ނެރެފައިވާ ރަތް އިންޒާރެއްގައި ބުނެފައިވާ ގޮތުން، ފަރުބަދައިން އަރާފައިވާ އަޅިގަނޑު 6.5 ކިލޯމީޓަރު (4 މޭލަށްވުރެ އުސް) އަށް އުފުލިފައިވާ ކަމަށް ލަފާކުރެވެއެވެ.
ނަމަވެސް، ކައިރީގައި ހުންނަ ކަޓާނިއާ ވައިގެ ބަނދަރު ހުރީ އަދިވެސް ހުޅުވިފައި ކަމަށް ވަނީ ބުނެފައެވެ.