Ads by Stelco

ޚަބަރު

މިނިވަން 60 ގެ ލޯގޯ ފަރުމާކުރާ ފަރާތަކަށް ބޮޑު ފައިސާގެ އިނާމެއް

މިނިވަން 60 ގެ ލޯގޯ ފަރުމާކުރާ ފަރާތަކަށް ބޮޑު ފައިސާގެ އިނާމެއް

މިނިވަން ދުވަހުގެ ޙަރަކާތެއް/ފޮޓޯ: ސަން އޮންލައިން

03 ޖޫން 2025، 12:11

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފާހަގަކުރުމަށް މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރާ ފަރާތަކަށް ބޮޑު ފައިސާގެ އިނާމެއް ދިނުމަށް ނިންމަވާފައިވާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް -/30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމަށްފަހު މިމަހުގެ 15 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި ލޯގޯ ފަރުމާކުރުމުގައި، "މިނިވަން ފަސްދޮޅަހުގެ ލޯގޯ ފަރުމާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ހިމެނޭ ކަންކަމަށް ސަމާލުކަން ދެއްވުމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި އެންމެ މޮޅު ލޯގޯއެއް ކަނޑައަޅާނީ އެކަމަށް ޚާއްސަ ފަނޑިޔާރުންގެ ޕެނަލަކުންކަމަށް އެ ވުޒާރާއިން މަޢުލޫމަތުދެއެވެ.

މިނިވަން 60 ގެ ލޯގޯ ފަރުމާކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލުތައް:

  • ލޯގޯއިން އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒްކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒްކޮށްދިނުން.
  • ދިވެހި ދަޢުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒްކޮށްދިނުމާއި ކުރިމަގުގައި މިނިވަންކަމުގައި ދެމިތިބުމަށް ކުރާ އުންމީދުތައް ރަމްޒްކޮށްދިނުން.
  • މިނިވަންކަމުގެ 60 އަހަރުގައި ދިވެހި ޤައުމު ހޯދި ކުރިއެރުމާއި، ކުރިއަށްއޮތް ތަނުގައި ހޯދުމަށް އުންމީދުކުރާ ކުރިއެރުން ރަމްޒުކޮށްދިނުން.
  • ލޯގޯގައި ބޭނުންކުރެވޭ ކުލަތަކަކީ ޤައުމީ ކުލަތައް ކަމަށްވެފައި އިތުރުކުލައެއް ބޭނުންކުރާނަމަ ދިވެހި ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒުކުރާ ކުލައެއް ކަމުގައިވާ ނޫކުލަ ބޭނުންކުރުން.
  • މުނާސަބަތާއި ގުޅިގެން އެކިކަންކަމުގައި ބެޖުގެ ގޮތުގަޔާއި ސްޓިކަރގެ ގޮތުގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުން.
  • ބެނާއާއި ޗާޕުކުރެވޭ ލިޔުންތަކުގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުމާއި، ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވުން.
  • އިލެކްޓްރޯނިކް މީޑިޔާގައްޔާއި އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުންކުރެވޭފަދަ އެއްޗަކަށްވުން.

ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، "މިނިވަން 60" ލޯގޯއަކީ މިނިވަންކަމުގެ 60 އަހަރުގެ ޝިޢާރުގެ ގޮތުގައި ބޭނުންކުރެވޭނެ ލޯގޯއެއް ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި އަހަރު ފާހަގަކުރެވޭ ހުރިހައި ހަރަކާތްތަކެއްގައި މި ލޯގޯ ބޭނުން ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS