ޚަބަރު
ޖާހު ކުންފުނީގެ "ދަ ގާޑަންސް" ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އާރުސީސީއާ ހަވާލުކޮށްފި

ދަ ގާޑަންސް ޕްރޮޖެކްޓް/ފޮޓޯ" އެޗްޑީސީ
ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ "ދަ ގާޑަންސް" ޕްރޮޖެކްޓްގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފިއެވެ.
މި ޕްރޮޖެކްޓަކީ، ޖުމްލަ 83 އެޕަރޓްމަންޓް ހިމެނޭ ލަގްޒަރީ ހައުސިންގ ޕްރޮޖެކްޓެކެވެ. ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 2017 ވަނަ އަހަރު ފަށާފައިވާ މި ޕްރޮޖެކްޓުގައި ހިމެނެނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ނަމަވެސް، މި ކުންފުންޏަށް މަސައްކަތް ހަވާލުކުރުމަށްފަހު، އެގްރީމެންޓުގެ މުއްދަތު ހަމަވިއިރު ވެސް މި މަސައްކަތް ނިންނާމަފައެއް ނުވެއެވެ. އަދި މަސައްކަތް ނިންމުމަށް އިތުރު ފުރުޞަތު ދިނުމާއެކު ވެސް މަސައްކަތް ނިމިފައެއް ނުވެއެވެ.
މި އެއްބަސްވުން ބާޠިލުކުރުމަށް ފަހު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީިސީން މި ޕްރޮޖެކްޓު އާރުސީސިއާ ހަވާލުކޮށްފައިވަނީ، ޖާހު ކުންފުންޏަށް އިތުރު ފުރުސަތެއް ދިނުމުން ވެސް މަސައްކަތް ނިންމާފައި ނުވާތީއެވެ. އަދި މި އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ޖާހު ކުންފުނިން ވަނީ ބިން ހަވާލުކުރުމަށް ދެކޮޅު ހަދައި، މައްސަލަ ކޯޓަށް ވެސް ގެންގޮސްފައެވެ. ނަމަވެސް، މި މައްސަލައިގައި ޖާހު ކުންފުނިން އެދުނު ގޮތަށް ވަގުތީ އަމުރެއް ކޯޓުން ދީފައެއް ނުވެއެވެ.
މި ޕްރޮޖެކްޓްގައި ހިމެނޭ އެޕަރޓްމަންޓްތައް ގަތް މީހުން ވަނީ އެތަންތަނަށް ފައިސާ ވެސް ދައްކާފައެވެ. ހަމަ އެހެންމެ، މި މަސައްކަތްތައް ލަސްވުމުގެ ސަބަބުން އެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.