ޚަބަރު
ޖަޕާން ސަރުކާރުން ޖޭޑީއެސް އަށް 194 މިލިއަން ޖަޕާނީސް ޔެން ހިލޭ އެހީގެ ގޮތުގައި ދިނުމަށް ދިވެހި ސަރުކާރާއެކު ސޮއިކޮށްފި

ޖަޕާން ސަރުކާރުން ޖޭޑީއެސް އަށް 194 މިލިއަން ޖަޕާނީސް ޔެން ހިލޭ އެހީގެ ގޮތުގައި ދިނުމަށް ދިވެހި ސަރުކާރާއެކު ސޮއިކުރުން/ފޮޓޯ: ޚާރިޖީ ވުޒާރާ
ޖަޕާން ސަރުކާރުން ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް) އަށް 194 މިލިއަން ޖަޕާނީސް ޔެން ހިލޭ އެހީގެ ގޮތުގައި ދިނުމަށް ދިވެހި ސަރުކާރާއެކު ސޮއިކޮށްފިއެވެ.
އެގޮތުން މިއަދު ވަނީ، (ޖޭޑީއެސް) ގެ ދަށުން 2025 ވަނަ އަހަރަށް ދެއްވުމަށް ހަމަޖެހިފައިވާ ހަ ސްކޮލަރޝިޕް ފުރުޞަތު ދެއްވައި، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރައްވާފައެވެ.
މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 194 މިލިއަން ޖަޕާނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ވަނީ ނިންމަވާފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލާ ޝެރީނާ ޢަބްދުއްޞަމަދު އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސް އިޝިގާމީ ރުމީކޯއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި އެހީއަކީ ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެއްވަމުން ގެންދަވާ އެހީތެރިކަމެއް ކަމަށެވެ. އަދި މި ހިލޭ އެހީގެ ދަށުން ޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، މި ސްކޮލަރޝިޕްގެ އެންމެ ބޮޑު އެއް މަޤްޞަދަކީ މުސްތަޤްބަލުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.