Ads by Stelco

ޚަބަރު

ހުޅުމާލޭގައި ޕާކްކޮށްފައިހުރި ވެހިކަލްތަކަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ޕާކްކޮށްފައިހުރި ވެހިކަލްތަކަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ޕާކްކޮށްފައިހުރި ވެހިކަލްތަކަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

03 ޖޫން 2025، 03:14

ހުޅުމާލޭގައި ޕާކްކޮށްފައިހުރި ވެހިކަލްތަކަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުއްރަޙްމާން ޙުސައިން (33އ) ކަމަށެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ، މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިންގ ޒޯން ކައިރިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި އެވަގުތު ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމާއެކު އެއްޗެއް ފޮރުވަން މަސައްކަތްކޮށް، ސައިކަލަށް އަރައިގެން ދާން މަސައްކަތްކުރާކަން ފާހަގަކުރެވިގެން އެމީހާ ހުއްޓުވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެއަށްފަހު، ފުލުހުން ބެލި ބެލުމުން އެ ސަރަޙައްދުގައި ޕާކްކޮށްފައި ހުރި ގިނަ ވެހިކަލްތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވުނުކަމަށާއި، އެމީހާ ބަލާފާސްކުރިއިރު ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، އެ ސަރަޙައްދު ބެލިބެލުމުން ޕާކްކޮށްފައިވާ ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައި، އެ ވެހިކަލްތަކުން ބައެއް ތަކެތި އޭނާ ނަގާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ފުލުހުން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް އެއްލާލުމާ ގުޅިގެން، އޭނާގެ ހާޒިރުގައި އެ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

ފުލުހުން އިތުރަށް ވިދާޅުވީ، މިމީހާ އާއި އޭނާ އަރައިގެންދާން މަސައްކަތްކުރި ސައިކަލް ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި، ފައިސާ އާއި، ފޯންތަކަކާއި، ޗާޖިންގ ކޭބަލް ފަދަ ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ހުޅުމާލެ ޕޮލިހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS