ޚަބަރު
ރޯޑް ސޭފްޓީ ޕާޓްނަރުންގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން 3 ކުންފުންޏަކާ އެކު އެއްބަސްވުމެއް

ރޯޑް ސޭފްޓީ ޕާޓްނަރުންގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން 3 ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރުން/ފޮޓޯ: ފުލުހުން
ރޯޑް ސޭފްޓީ ޕާޓްނަރުންގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން 3 ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދާ ''ރައްކާ ކެމްޕެއިން'' ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އުރީދޫ މޯލްޑިވްސް އާއި، އެލައިޑް އިންޝުއަރެންސް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއިއެކު އެވެ.
މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ކޮމާޝަލް އޮފިސަރ އޮފް މޯލްޑިވްސް ހުސައިން ނިޔާޒް ސޮއިކުރައްވާފއިވާއިރު، އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ނަސްރަތު މުޙައްމަދު އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސި) ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ.
މި ރަސްމިއްޔާތުގައި މާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި، ރޯޑް ޕޮލިސް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އާއި، މި އެއްބަސްވުން އެކުލަވާލާފައިވާ 3 ކުންފުނީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އަދި މި އެއްބަސްވުންތަކުގެ ދަށުން ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިންވެންޝަނުން މި އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިން "ރައްކާ" ގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.