ޚަބަރު
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކުރުމަށް ނިމިދޔަ މެއި މަހު މާލޭގެ މަގުތަކުގައި ގިނަ މަސައްކަތްތަކެއް

ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި މަސައްކަތް ކުރަނ/ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކުރުމަށް ނިމިދޔަ މެއި މަހު މާލޭގެ މަގުތަކުގައި މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ.
މިކަން ހާމަވެފައިވަނީ، މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިން މަހަކު އެއްފަހަރު ނެރެމުން އަންނަ މަސައްކަތުގެ ރިޕޯޓުންނެވެ.
މި ރިޕޯޓުން ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ މަހު ސިޓީ ކައުންސިލުން މާލޭގެ 21 މަގެއްގައި 33 މަގު ބައްތި ޖަހައިފައިވެއެވެ. ހަމަ އެހެންމެ، މާލޭގެ 35 ސަރަޙައްދެއްގައި މަގު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު، ކާނު ސާފު ކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ މަހު 3998 އަށް ވުރެ ގިނަ ކާނު ސާފުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިއީ، މާލޭގެ 29 މަގެއްގައި ހިމެނޭ ކާނުތައްކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.
މީގެ އިތުރުން، މާލޭގެ މަގުތަކުގައި ހުރި ޓްރެފިކް ނިޝާންތަކުގެ ތެރެއިން 23 މަގެއްގައި ސްޕީޑް ބެރޭކަރ ނިޝާން މިދިޔަ މަހުގެތެރޭގައި ކުރަހާފައިވެއެވެ. ހަމަ އެހެންމެ، 23 މަގެއްގައި ބަސް ސްޓޮޕް ޒޯންތައް ކުރަހާފައިވާއިރު، 16 މަގެއްގައި ޒިބްރާ ކްރޮސް ކުރަހައިފައިވާ ކަމަށް ސިޓީ ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހަމަ މިއާއެކު، ނިމިދިޔަ މަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ވަނީ 18 މަގެއްގެ ރޭމްޕުގައި ދަވާދުލާފައެވެ.
މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހިތްފަސޭހަ، އުފާވެރި، ހިތްހަމަޖެހޭ، އަދި ރައްކާތެރި މާޙައުލެއް ޤާއިމްކޮށް ދެއްވުމަށްޓަކައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ ޚާއްޞަ އިސްނެންގެވުމާއެކު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މިކަން ޙަޤީގަތަކަށް ހައްދަވައިދެއްވުމަށް މަސައްކަތްކުރައްވަމުން އަންނައިރު، މިކަން ހާޞިލުކުރެވޭނީ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަން މޭޔަރ ޢާޒިމް ވަނީ މީގެ ކުރިން ވެސް ފާހަގަކުރައްވާފައެވެ.