ޚަބަރު
ދިވެހި ހުރިހާ ޙައްޖުވެރިން މިނާއަށް ވާސިލްވެއްޖެ: ޙައްޖު މިޝަން

ޙައްޖުވެރިން މިނާއަށް ދިޔުމުގެ ތެރެއިން/ފޮޓޯ: ޙައްޖު މިޝަން
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ދިވެހި ހުރިހާ ޙައްޖުވެރިން މިނާއަށް ވާސިލްވެއްޖެކަމަށް ޙައްޖު މިޝަން އިން ވިދާޅުވެއްޖެއެވެ.
ރާއްޖެއިން މިއަހަރު ޖުމްލަ 1000 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރާއިރު، މިނާއަށް ޙައްޖުވެރިން ދަތުރު ފެށީ ރޭގެ ވަގުތެއްގައެވެ. އަދި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތުދެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޙައްޖުވެރިން މިނާގައި މަޑުކުރުމަށްފަހު ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ކަމަށެވެ. ޙައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަދި އެ ބިމަށް އެދުވަހުގެ އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭއިރު، ދިވެހި ޙައްޖުވެރިން ޢަރަފާތަށް ދިއުމަށް ފުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައިކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރަންޖެހޭނެއެވެ. އަދި ޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު، މިނާގައި ރޭކުރުމަށްފަހު ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. އަދިި އެންމެ ފަހުން، ވަދާޢުގެ ޠަވާފުކޮށް ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކޮށް ނިންމާނައެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ ޖޫން 5 ވާ ބުރާސްފަތި ދުވަސްކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.