ޚަބަރު
ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކުރި ދަތުރުތައް %6.4 އިތުރު ކުރިއެރުމެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފްލައިޓްތަކެއް/ފޮޓޯ: ސަން އޮންލައިން
މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކުރި ދަތުރުތަކަށް %6.4 އިތުރު ކުރިއެރުމެއް ލިބިފައިވާކަމަށް އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބައިނަލްއަޤްވާމީ އެއަރލައިންތަކުންވަނީ ރާއްޖެއަށް 5809 ޝެޑިއުލް ދަތުރުތައް ކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 5378 ދަތުރެވެ. އެހެންކަމުން، މިއީ %6.4 އިތުރުވުމެކެވެ.
މީގެ އިތުރުން، ޖެނެރަލް ފްލައިޓްސްގެ ގޮތުގައި މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 555 ފްލައިޓު ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 604 ފްލައިޓްއެވެ. ހަމަ އެހެންމެ، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ފަތުރުވެރިކަމުގައި އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ހުރީ 61،919 ގައެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %0.8 އިތުރުވުމެއްކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.
ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކުރި ދަތުރުތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް މިއަހަރުގެ މިހާތަނަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 7 ލައްކަ ފަތުރުވެރިންނެވެ. އެހެންކަމުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ ވެސް ބޮޑު ކުރިއެރުމެކެވެ.