Ads by Stelco

ޚަބަރު

މި އަހަރުގެ މިހާތަނަށް ކޮވިޑް-19 ގެ 107 ކޭސް ރިޕޯޓްކޮށްފައިވޭ: ޞިއްޙީ ވުޒާރާ

މި އަހަރުގެ މިހާތަނަށް ކޮވިޑް-19 ގެ 107 ކޭސް ރިޕޯޓްކޮށްފައިވޭ: ޞިއްޙީ ވުޒާރާ

ކޯވިޑް-19 ގެ ތެރެއިން؛ފޮޓޯ: ސަން އޮންލައިން

04 ޖޫން 2025، 12:03

މި އަހަރުގެ މިހާތަނަށް ކޮވިޑް-19 ގެ 107 ކޭސް ރާއްޖެއިން ރިޕޯޓްކޮށްފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވަނީ މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާގެ ސަބަބުން ޖެހޭ އެކި ބަލިތައް ޖެހިފައިވާ އަދަދުތައް ފެންނާނެހެން ތަފާސްހިސާބުތައް ޢާންމުކޮށްފައެވެ.

މި ތަފާސްހިސާބުތަކުން ހާމަވާގޮތުގައި، މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާގެ 128 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އަރިދަފުސް ރޯގާގެ 156،962 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މި ދުވަސްވަރު އަރިދަފުސްގެ 4،794 ކޭސް ރިޕޯޓްކޮށްފައިވާއިރު މި އަހަރު ރިޕޯޓްކޮށްފައިވަނީ 8،157 ކޭސްއެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވިދާޅުވީ، ޑެންގީ ހުމަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ މިއަހަރު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ ޢަދަދު މަދު ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ މެއި މަހު ޑެންގީގެ 675 ކޭސް ރިޕޯޓްކޮށްފައިވާއިރު މި އަހަރު މެއިގައި ރިޕޯޓްކޮށްފައިވަނީ 116 ކޭސްއެވެ. އަދި މިއަހަރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ، ކ އަދި އއ އަތޮޅުންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރަމުންދަނީ އިންފްލުއެއްޒާ އާއި ކޮވިޑްގެ ކޭސްތައް ކަމަށެވެ. އަދި ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS