ޚަބަރު
ކަރަންޓު ބިލްތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ލަސްނުކޮށް ސްޓެލްކޯއަށް ގުޅުއްވާ!

ސްޓެލްކޯ ނަމްބަރު/ފޮޓޯ: ސްޓެލްކޯ
ކަރަންޓު ބިލްތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ލަސްނުކޮށް ސްޓެލްކޯއަށް ގުޅުއްވުމަށް އެ ކުންފުނިން އެދިލައްވައިފިއެވެ.
ސްޓެލްކޯ އިން ވިދާޅުވީ، ކަރަންޓު ބިލާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ބިލްތަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރ ހޮޓްލައިން 1545 އަށް ގުޅުއްވުމަށްފަހު މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި ސްޓެލްކޯ ކެއަރގެ ޚިދުމަތް އޮންލައިންކޮށް ހޯއްދެވުމަށް، ކިއުއާރު ކޯޑު ސްކޭންކުރެއްވުމަށް އެ ކުންފުނިން ވަނީ އެދިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނިންމެވުމަށް، ސްޓެލްކޯ އާއި ފެނަކައިން ކަރަންޓު ބިލުގެ ޓެރިފް ރޭޓުތަކަށް މެއި މަހުން ފެށިގެން ބަދަލު ގެނަސްފައިވާއިރު، ބައެއް ފަރާތްތަކުން އެންމެ ފަހުގެ ބިލާއި އަޅާ ކިޔަނީ އެޕްރީލް މަހުގެ ބިލެވެ. އަދި އެ ބިލަށް ވުރެ މެއި މަހުގެ ބިލު ބޮޑުވުމުން، އެކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން އަންނަނީ ކުރަމުންނެވެ.
ޖޫން 1 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ޓެރިފް ކުޑަކުރެއްވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ އެކަން އިޢުލާން ކުރެއްވީ މެއި މަހުގެ 30 ވަނަ ދުވަހެވެ. ނަމަވެސް ސްޓެލްކޯ އާއި ފެނަކައިން ވަނީ މެއި މަހުގެ ބިލުން ފެށިގެން އައު ޓެރިފް ރޭޓަށް ބިލު ހެދުމަށް ނިންމާފައެވެ. އެހެންކަމުން އެންމެ ފަހުން ގޭބިސީތަކަށް ފޮނުވި ބިލުތައް ހުރީ އައު ޓެރިފް ރޭޓުގައެވެ.