ދުނިޔެ
އެމެރިކާއަށް ނުރައްކާތެރި ފަންގަސްއެއް ވެއްދިކަމުގެ ދައުވާ ޗައިނާގެ ދެ މީހެއްގެ މައްޗަށް އުފުލައިފި

އެމެރިކާ އަދި ޗައިނާގެ ދިދަ ---
ނުރައްކާތެރި ފަންގަސްއެއް އެމެރިކާއަށް ވެއްދުމުގެ ދަޢުވާ، އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން ޗައިނާގެ ދެ ރައްޔިތެއްގެ މައްޗަށް ކޮށްފިއެވެ.
މި ފަންގަސްއަކީ ދަނޑުވެރިކަމަށް އަމާޒުކޮށްގެން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް އެމެރިކާގެ އިދާރާތަކުން ބުނެއެވެ.
މިޗިގަން އިރުމަތީ ޑިސްޓްރިކްޓްގެ ޔޫއެސް އެޓަރނީ އޮފީހުން އާންމުކުރި ދަޢުވާގައި، 33 އަހަރުގެ ޖިއަން ޔުންޗިންގް އަދި 34 އަހަރުގެ ލިއު ޒުންޔޮންގްގެ މައްޗަށް އިތުރު ދަޢުވާތަކެއްވެސް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ރާވައިގެން ކުށްކުރުމާއި، ވީޒާ ފްރޯޑް އަދި ތަޙްޤީޤު ކުރާ ފަރާތްތަކަށް ދޮގު މަޢުލޫމާތު ދިނުން ހިމެނެއެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ލިއު އެމެރިކާއަށް ވެއްދި ފުސާރިއަމް ގްރެމިނެއަރަމް ކިޔާ ފަންގަސްއަކީ، ގޮވާން، ބާރލީ، މެއިޒް އަދި ހަނޑޫގެ ބާވަތްތަކަށް "ހެޑް ބްލައިޓް" ކިޔާ ބައްޔެއް ޖައްސާ އެއްޗެކެވެ. މި ބަލީގެ ސަބަބުން ކޮންމެ އަހަރަކު ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ގެއްލުން ލިބެއެވެ. މީގެ އިތުރުން މި ފަންގަސްއަކީ އިންސާނުންނަށާއި ޖަނަވާރުތަކަށްވެސް ނުރައްކާތެރި، ހޮޑު ލުމާއި، ފުރަމޭއަށް ގެއްލުން ލިބުމާއި، ދަރިމައިވުމަށްވެސް އަސަރުކުރާ އެއްޗެކެވެ.
އެފްބީއައި އިން ހައްޔަރުކުރި ޖިއަންގެ މައްސަލަ މި ހަފްތާގައި ފެޑެރަލް ކޯޓަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭނާއާ ޗައިނާ ސަރުކާރާ ހުރި ގުޅުންތައް ދެނެގަތުމަށް ތަޙްޤީޤު ދަނީ ކުރިއަށެވެ.
އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކުރި ގޮތުގައި، ލިއުގެ ފޯނުން ފެނުނު "ޕްލާންޓް-ޕެތޮޖެން ވޯރ ފެއަރ އަންޑަރ ޗޭންޖިންގ ކްލައިމެޓް ކޮންޑިޝަންސް" މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމާއި، ދެމަފިރިންގެ ފޯނުތަކުން ފެނުނު މެސެޖުތަކުން ދޭހަވަނީ، ޖިއަންއަށް މި ޤާނޫނާ ޚިލާފު ޢަމަލުގެ މަޢުލޫމާތު އެނގުމާއި، ފަހުން ތަޙްޤީޤު ކުރި ފަރާތްތަކަށް ދޮގު މަޢުލޫމާތު ދީފައިވާކަމެވެ.