ޚަބަރު
ހޫނު މިން އާދަޔާ ޚިލާފަށް މައްޗަށް ދާތީ 10 އިން 4 އަކަށް ޙައްޖާޖީން ފޭލިގެތަކުގައި ތިބުމަށް އިލްތިމާސް ކޮށްފި

އަރަފާތު ބިން/ފޮޓޯ: އިސްލާމިކް ރިލީފް އޮސްޓްރޭލިއާ
ސަޢުދީ ޢަރަބިއްޔާގެ ހޫނު މިން އާދަޔާ ޚިލާފަށް މައްޗަށް ދާތީ ހެނދުނު 10 އިން ހަވީރު 4 އަކަށް ޙައްޖާޖީން ފޭލިގެތަކުގައި ތިބުމަށް އިލްތިމާސް ކޮށްފިއެވެ.
މިކަމަށް އިލްތިމާސްކޮށްފައިވަނީ، އެ ޤައުމުގެ މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ޞިއްޙީ ވުޒާރާއިންނެވެ. އެގޮތުން، މައްކާގައި ދުވާލުގެ ވަގުތުގައި ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް އުފުލޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ސަޢުދީ ޢަރަބިއްޔާގެ ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި ވަޤުތުތަކުގައި ފޭލި ގޭގައި މަޑުނުކޮށްފިނަމަ، ފުރާނައަށް ނުރައްކާވާ ފަދަ ހީޓް ސްޓްރޯކެއް ޖެހުން އެކަށީގެންވާ ކަމަށެވެ. އަދި މި ވަޤުތުތަކުގައި މެންދުރު ނަމާދާއި އަޞްރު ނަމާދު ވެސް ފޭލިގެތަކުގެ ތެރޭގައި ތިބެ ކުރުމަށް އެ ވުޒާރައިން ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމަ އެހެންމެ، ސަޢުދީގައި އެންމެ ހޫނުގަދަވާ ސަރަޙައްދުތައް ކަމަށްވާ މަސްޖިދުއްނަމިރާ އަދި ޖަބަލް ރަޙްމާއަށް މި ވަޤުތުތަކުގައި ދިޔުން އެ ވުޒާރާއިން ވަނީ މަނާކުރައްވާފައެވެ.
މީގެ އިތުރަށް އެ ވުޒާރާއިން ވިދާޅުވީ، މުޒްދަލިފާއަށް ފައިމަގުގައި އެއްވެސް ޙައްޖުވެރިއަކު ގޮސްގެން ނުވާނެ ކަމަށެވެ. އަދި އެ ސަރަޙައްދަށް ދާދަތުރުކުރަން ވާނީ އެތަނަށް ދިޔުމަށް ކަނޑައެޅިފައި ހުންނަ ބަސްތަކާއި ރޭލުގައި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، އެ ވުޒާރާއިން ދެމުން ގެންދާ އިރުޝާދާ އެއްގޮތަށް ހުރިހާ ޙައްޖުވެރިން ވެސް ޢަމަލުކުރުމަށް ތަކުރާރުކޮށް ވަނީ އެދިލައްވާފައެވެ. އަދި މި އިިރުޝާދުތަކަށް ތަބާނުވާނަމަ ފުރާނައަށް ނުރައްކާވާފަދަ ޞިއްޙީ ޙާލަތެއް މެދުވެރިވެދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ހޫނު މިން މައްޗަށް ދިޔުމުގެ ސަބަބުން މީގެ ކުރިން ވެސް ވަނީ ޙައްޖުވެރިންނަށް ހިތާމަވެރި ހާދިސާތަކެއް ހިނގާފައެވެ. އެހެންކަމުން، މިފަދަ ކަންކަމުން ރައްކާތެރިވުމަށް ހުރިހާ ޙައްޖުވެރިން ވެސް މަސައްކަތް ކުރަން ޖެހެއެވެ.