ޚަބަރު
މިއަދު އަޅުކަމުގައި އުޅޭއިރު ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް: ވަޒީރު ޑރ. ޝަހީމް

ފަލަސްޠީނުގެ ރައްޔިތުން/ފޮޓޯ: ރޯލިންގ ސްޓޯން
ޢަރަފާތު ދުވަހު އަޅުކަމުގައި އުޅޭއިރު ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިިފަދައިން ވިދާޅުވީ، ޢަރަފާތު ބިމުގައި ހުންނަވައިގެން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް ނިއުސް) އަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.
މިދުވަހާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢަރަފާތު ބިމަށް އައިސް ތިބުމުން ދޭހަކޮށްދެނީ، އިސްލާމްދީނުގެ މަތިވެރިކަމާއި، އަޚުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫޙާނިއްޔަތުކަން ކަމަށެވެ. އަދި ޢަރަފާތު ދުވަހުގެ އަޅުކަން އަދާކުރުމުގައާއި މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން އުޅުމުން ވަރަށް މަތިވެރި ގުޅުމެއް ރަމްޒުކޮށްދޭކަމަށް ވަޒީރު ވިދާޅުވިިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިއަހަރުގެ ޢަރަފާތް ދުވަސް އަންނަނީ އިސްލާމީ އުންމަތަށް ވަރަށް ހިތާމަވެރި ދުވަސްވަރެއްގައި ކަމަށެވެ. އަދި ޢަރަފާތު ދުވަހުގެ އަޅުކަމުގައި އުޅޭއިރު ފަލަސްޠީނުގެ ރައްޔިތުންގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމާއި ބަނޑުހައި ހޫނުކަމުގެ ތެރޭގައި އަރަފާތް ދުވަސް ބައްދަލުކުރާއިރު، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކުރުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި މާތް ދުވަހު ފަލަސްޠީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކުރުމުގެ އިތުރުން، ދުނކޔޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ އިސްލާމީ ޤައުމުތަކުގައި ދިރިއުޅެމުން ގެންދާ މުސްލިމުންނަށްވެސް ހެޔޮ ދުޢާކުރުމަކީ މުހިންމުކަމެއް ކަމަށެވެ. ހަމަ އެހެންމެ ވަޒީރު، ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ސަރުކާރުން ހަމަޖައްސަވާފައިވާ ލުއިފަސޭހަ އިންތިޒާމުތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު ދަންނަވާފައެވެ.