Ads by Stelco

ޚަބަރު

ފަސް މިލިއަން ގަސް ޕްރޮގްރާމް: ނާސަރީ ހެދުމަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބިއްޖެ

ފަސް މިލިއަން ގަސް ޕްރޮގްރާމް: ނާސަރީ ހެދުމަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބިއްޖެ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ވަޒީރު ޠާރިޤް ގަސް އިންދަނީ/ފޮޓޯ: ތިމާވެށްޓާ ބެހޭ ވުޒާރާ

05 ޖޫން 2025، 02:44

ސަރުކާރުން ކުރިއަށް ގެންދާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ތަރައްޤީކުރާ ނާސަރީއަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބިއްޖެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޠާރިޤު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ބޭއްވި ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ވަޒީރު ވިދާޅުވީީ، މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 6 ލައްކައާއި ގާތް ކުރާ އަދަދަކަށް ގަސް އިންދާފައިވާ ކަމަށެވެ. އަދި މިހާރު 5 މިލިއަނަށް ވުރެ ގިނަ ގަސް އިންދުމުގެ ވަޢުދު ލިބިފައިވާއިރު، ބޭރުން ގެންނަ ގަސްތައް އިންދުމަށް ބޭނުންވާ ނާސަރީގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، 5 މިލިއަން ގަސް އިންދާނަމަ ބޭރު ތަންތަނުން ގަސްތައް ގެނެސް ގަސް ހައްދަންޖެހޭކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޗައިނާ ސަރުކާރު އެހީގައި މި ޕްރޮގްރާމަށް ބޭނުންވާ ބޮޑު ނާސަރީއަކާއި، އެޑްމިނިސްޓްރޭޓިވް އޮފީހެއް ލިބިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ނާސަރީއަށް ބޭނުންވާ ހުރިހާ އެއްޗައް ލިބިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާރު މިތަކެތި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. މި ނާސަރީއަކީ 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއަކަށް ވާއިރު، މިތަނުގައި ލެބޯރެޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ވެސް ހުންނާނެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މި ނާސަރީގެ މަސައްކަތް ކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ތިމާވެއްޓާއި ބެހޭ ވުޒާރާ ދެމެދު މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS