ދުނިޔެ

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ “މަޑްލިން” ހައިޖެކްކޮށް ފަޅުވެރިން ރަހީނުކޮށްފިކަމަށް ފްރީޑަމް ފްލީޓުން ބުނެފި

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ “މަޑްލިން” ހައިޖެކްކޮށް ފަޅުވެރިން ރަހީނުކޮށްފިކަމަށް ފްރީޑަމް ފްލީޓުން ބުނެފި

މަޑްލިންގެ ފަޅުވެރިން ރަހީނުކޮށްފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖޫން 2025، 01:13

09 ޖޫން 2025، 01:13

ޣައްޒާއަށް ދަތުރުކުރަމުންދިޔަ މަޑްލިން އުޅަނދަށް އިޒްރާއީލު ސިފައިން އަރައި، އުޅަނދާއި މުވާސަލާތީ ގުޅުން ކެނޑިފައިވާ ކަމަށް ފްރީޑަމް ފްލޯޓިލާ އިން މިއަދު ބުނެފިއެވެ. 

އިޒްރާއީލު ސިފައިންގެ ރޭޑިއޯއިން ބުނެފައިވަނީ އިޒްރާއީލު ނޭވީގެ ކޮމާންޑޯ ބަޔަކު އުޅަނދުގެ ކޮންޓްރޯލް ނަގާފައިވާ ކަމަށެވެ.

އުޅަނދުގައި ތިބި ރަށްވެހިންގެ ތެރޭގައި ހިމެނޭ އަލްޖަޒީރާގެ ނޫސްވެރިޔާ އުމަރު ފައްޔާޟް އާއެކު އުޅަނދުގައި ތިބި ހުރިހާ ފަޅުވެރިންވެސް އިޒްރާއީލު ސިފައިން ރަހީނުކޮށްފައިވާ ކަމަށް ފްރީޑަމް ފްލޯޓިލާ އިން ތުހުމަތުކޮށްފައިވެއެވެ.

އިޒްރާއީލު ސިފައިންގެ ރޭޑިއޯއިން އިޒްރާއީލު ސިފައިންގެ އިސް ވެރިއަކާއި ހަވާލާ ދީ ބުނެފައިވަނީ މަޑްލިން އުޅަނދު މިހާރު ގެންދަނީ އަޝްދޯދް ބަނދަރަށް ކަމަށެވެ. އަދި އުޅަނދުގައި ތިބި މީހުންގެ ކާކުކަން އަންގައިދޭ ލިޔެކިޔުންތައް ޗެކްކުރުމަށްފަހު އަޝްދޯދް ބަނދަރުގައި ހުރި ނޭވީގެ ބޭސްއެއްގައި އެ މީހުންނާ ސުވާލުކުރާނެ ކަމަށް އެ ވެރިޔާ ބުނެފައިވެއެވެ.

އުޅަނދުގައި ތިބި ބޭރުގެ އެކްޓިވިސްޓުން ހައްޔަރުކުރި މަންޒަރުގެ ފޮޓޯތައް އިޒްރާއީލު ސިފައިން ވަނީ ޢާންމުކޮށްފައެވެ.

މީގެ ކުރިން، ޣައްޒާގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ފްރީޑަމް ފްލޯޓިލާ އިން ބުނެފައިވަނީ މަޑްލިން އުޅަނދުގައި ސައިރަން އިވިފައިވާ ކަމަށާއި، އިޒްރާއީލު ހަނގުރާމަވެރި އުޅަނދުތަކެއް އެ އުޅަނދާ ކައިރިވެ، ވަށައިލާފައިވާ ކަމަށެވެ.

 އަދި އިޒްރާއީލު ޑްރޯނެއް އުޅަނދުގެ މަތިން ދަތުރުކޮށް، ހުދު ކުލައިގެ ދިޔައެއް އުޅަނދަށް އަޅާފައިވާ ކަމަށްވެސް ފްރީޑަމް ފްލޯޓިލާ އިން ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS