ދުނިޔެ
ކޮރަޕްޝަންގެ ދަޢުވާތަކަށް ޖަވާބުދާރީވުމަށް ނަތަންޔާހޫ 38 ވަނަ ފަހަރަށް ކޯޓަށް

އިޒްރާއިލްގެ ބޮޑުވަޒީރު ނެތަންޔާހޫ
އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ދަޢުވާތަކާ ގުޅިގެން މިއަދު ހޯމަ ދުވަހު ޔައްފާ (ތެލްއަވީވް)ގެ މަރުކަޒީ ކޯޓަށް ހާޒިރުވެއްޖެއެވެ.
އިޒްރާއީލުގެ ޗެނަލް 12 އިން ރިޕޯޓުކުރި ގޮތުގައި، މުހިންމު ސިޔާސީ ފޯނު ކޯލެއް އޮތް ކަމަށް ބުނެ ނެތަންޔާހޫ ވަނީ އޭނާގެ ހެކިބަސް ނެގުމުގެ ވަގުތު ކުރުކޮށްދިނުމަށް އެދިފައެވެ. މީގެ 5 ދުވަސް ކުރިން، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ހޯދަމުންދާ ނަތަންޔާހޫ ވަނީ "ތައުސަންޑްސް ކޭސް" ގެ ނަމުން މަޝްހޫރުވެފައިވާ މައްސަލައިގައި 37 ވަނަ ފަހަރަށް ހާޒިރުވެފައެވެ.
ޔެދިއޯތު އަހަރޯނޯތު ނޫހުން ރިޕޯޓުކުރި ގޮތުގައި، ދެވަނަ އަޑުއެހުމުގައި ޕްރޮސިކިއުޓަރުން ނެތަންޔާހޫއާ ސުވާލުކުރުން ކުރިއަށް ގެންދާނެއެވެ. އަދި އޭނާ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުރެ، ވިޔަފާރިވެރިންނަށް އަމިއްލަ ޚިދުމަތްތައް ފޯރުކޮށްދީ، އޭގެ ބަދަލުގައި ހަދިޔާ ބަލައިގަތުމުގެ ތުހުމަތުތަކާ ގުޅޭ ހެކިތައް ހުށަހަޅާނެއެވެ.
މި ތަޙުޤީޤުގެ މަޤްޞަދަކީ ނަތަންޔާހޫގެ ބަޔާންތަކުގައި ހުރި ފުށުއެރުންތައް ދެނެގަނެ، އޭނާގެ ވާހަކަތަކުގެ ތެދުކަން ކަށަވަރުކުރުމެވެ. ނަތަންޔާހޫގެ ސުވާލުކުރުންތައް ފެށިފައިވަނީ މިދިޔަ ޖަނަވަރީ މަހުގައެވެ. އޭނާގެ މައްޗަށް "ކޭސް 1000، 2000 އަދި 4000" ގެ ނަމުން މަޝްހޫރުވެފައިވާ މައްސަލަތަކުގައި ކޮރަޕްޝަން، ރިޝްވަތު އަދި އިތުބާރު ގެއްލޭފަދަ ޢަމަލުތަކުގެ ދަޢުވާ އުފުލިފައިވެއެވެ.
މީގެ އިތުރުން، ނަތަންޔާހޫއަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ތުހުމަތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުންދާ މީހެކެވެ.
އަދި އިޒްރާއީލީ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އޭނާ ޣައްޒާގައި ހަނގުރާމަ ދެމެހެއްޓުމުގެ ބޭނުމަކީ އޭނާގެ ސަރުކާރުގެ އެންމެ ހަރުކަށި ކަނާތުފިޔައިގެ ބޭނުންތަކަށް އިޖާބަދިނުމާއި، ވެރިކަމުގައި ދެމިހުރުން ފަދަ އަމިއްލަ ސިޔާސީ މަސްލަހަތުތައް ހިމާޔަތްކުރުމެވެ.