ރިޕޯޓް

ވެލިދޫގެ ބޮޑު މަސް ކުޅުން ތަފާތުވީ ކިހިނެއް؟

ވެލިދޫގެ ބޮޑު މަސް ކުޅުން ތަފާތުވީ ކިހިނެއް؟

ވެލިދޫ އީދު ހަރަކާތްތަކުގެ ތެރެއިން ބޮޑު މަސް ކުޅުން، ފޮޓޯ: ފިޔެސް

09 ޖޫން 2025، 05:58

ވެލިދޫއަކީ ޢީދު ފާހަގަ ކުރުމުގެ ގޮތުން ޒަމާނުއްސުރެއް ގިނަ ކަންތައްތަކެއް ކުރަމުންނަ އަންނަ ރަށެކެވެ. ކާބަފައިންގެ ފުށުން ވާރުތަވެފައިވާ ހަރަކާތްތަކާ، ސަގާފީ އަދި ޒަމާނީ ކުޅިވަރުތަކާއެކު، ވެލިދޫގައި ކޮންމެ އީދެއް ނިމިގެން ދަނީ ގިނަ ހަނދާންތަކެއް ރަށުގެ ތާރީހަށް ދޫކޮށްލުމަށްފަހުއެވެ.

އެގޮތުން ވެލިދޫގެ އީދު ހަރަކާތްތަކުގައި މި އަހަރު ހިމެނުނު ބޮޑު މަސް ކުޅުމަކީ، ރަށުގެ އިޖުތިމާއީ ކަންކަމަށް އެ ރަށުގެ ރައްޔިތުން ބަހައްޓާ އަހައްމިއްޔަތުކަމާއި، އިހުގައި މި ކުޅިވަރު ކުޅެއުޅުނު ގޮތް ދިރުވުމަށް ކުރާ ބުރަ މަސައްކަތުގެ ފުރިހަމަ ރަމްޒެކޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.

ވެލިދޫ އީދު އުފާ 1446ގެ ތެރެއިން، ބޮޑު މަސް ކުޅުން އެންމެ ހާއްސަވާ ފުރަތަމަ ސަބަބަކީ، އެއް އާއިލާއަކުން މި ހަރަކާތް ގެނަސްދިނުމެވެ. މި ފަހަކަށް އައިސް ވެލިދޫގެ އީދު ކުޅިވަރުތަކުގައި "ގާސިމްސް ފެމިލީ" އިން ހުށަހަޅައިދޭ ހަރަކާތްތައް މިހާރު ވެގެން ގޮސްފައިވަނީ ގިނަބަޔަކު އިންތިޒާރުކުރާ ހުށަހެޅުންތަކަކަށެވެ. އީދު ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި ހެދި އެންމެ ބޮޑު އުޅާއްޔާއި، އީދު ޕެރޭޑަށް ތައްޔާރުކުރި ބައްތެއްޔާއި، އީދު ނެރުމާއި، އީދު ފުރވާލުމާއި އަދި ރަން ފޮށި އުފުލުމުގެ ހަރަކާތަކީ، ގާސިމްސް ފެމިލީއިން ވެލިދޫގެ ތާރީހަށް ދޫކޮށްފައިވާ ރީތި ހަނދާންތަކެކެވެ. 

ގާސިމްސް ފެމިލީ ނިސްބަތްވަނީ އަލް މަރުހޫމް ގާސިމް މޫސާ (ކާސިންފުޅުބެ) އަށެވެ. އަދި ގާސިމްސް ފެމިލީގެ ފަރާތުން ގެނަސްދޭ ހަރަކާތްތަކުގައި ފެނިގެން ދަނީ، އެ ބޭފުޅާގެ ހުވަފަތް އަނބިކަނބަލުންނާއި، 11 ދަރިންނާއި، އެ މީހުންގެ އަނބިންނާއި ފިރިންނާއި، އެމީހުންގެ ދަރީންގެ ދަރީންނެވެ. ރަށުގެ ހަރު މީހުންގެ ފުށުން ޔަގީންވި ގޮތުގައި، ކާސިންފުޅުބެއަކީ ރަށުގެ ތާރީހު ވަރަށް ރަނގަޅަށް އެނގޭ، ރަށުގެ އިޖުތިމާއީ ކަންކަމުގައި އަބަދުވެސް ހިއްސާވާ، މުރާލީ ބޭފުޅެކެވެ. އަދި އާއިލާގެ ފަރާތުން "ފަރުދުން" އާ ވާހަކަ ދައްކަމުން ބުނީ، ގާސިމްސް ފެމެލީގެ ހަރަކާތްތަކުން ފެނިގެން ދަނީ، އާއިލީ ގުޅުން ދެމެހެއްޓުމަށް ކާސިންފުޅުގެ ދުނިޔޭގައި މެދުނުކެނޑި ކުރަމުން ދިޔަ މަސައްކަތުގެ އަސަރުކަމަށެވެ.

ކާސިމްފުޅުބެ (ގާސިމްބެ) އަކީ ވަރަށް ސަކަމިޒާޖުގެ އެހާމެ ރަށުވަންތަ ހިތްހެޔޮ ބޭކަލެކެވެ. އަހުރެނާ ބައްދަލުވާ ކޮންމެ ފަހަރަކުމެ ވެލިދޫގެ 'ހިސްޓުރީ' ގެ ވަރަށްގިނަ ވާހަކަތައް ކިޔައި ދެއްވާނެއެވެ. އެއީ ވަރަށް ޝައުގުވެރި ވާހަކަތަކެވެ. ކާސިމްފުޅުބެ ދުނިޔޭގައި ނެތްނަމަވެސް އާއިލާގެ ފަރާތުން މި ދައްކައިދެނީ ކާސިމްފުޅުބޭގެ މޫރިތި ދިރިއުޅުގެ ތެރެއިން ސަފުހާއެކެވެ.  

ވެލިދޫގެ އިޖުތިމާޢީ ޚިދުމަތްތެރިއެއް ކަމުގައިވާ މުޙައްމަދު ޙަލީމް ފޭސްބުކްގައި ލިޔެފައިވެއެވެ.

މި އީދުގައި ގާސިމްސްއިން ގެނެސްދިން ބޮޑު މަސް ހާއްސަވާ ސަބަބުތައް ވަރަށް ގިނައެވެ. އެކި ދާއިރާތަކުން ހުނަރުވެރިން ގިނަ އެ އާއިލާއިން މި މަސައްކަތަށް ސުރުހީ އަޅާލީ ވެސް، ބޮޑު މަސް ކުޅުމުގައި ތަފާތުތަކެއް ގެނަސްދިނުމުގެ ވަރުގަދަ އަޒުމުގައެވެ.

މި ހަރަކާތަށް އެ މީހުން ބޭނުން ކުރި ދޯންޏަކީ އީދަށް ފަސް ދުވަހަށް ވެފައިވަނިކޮށް، އެ އާއިލާ ނިސްބަތްވާ ލައިޓްކޯނަރ ގޭގެ ގޯތި ތެރޭގައި ކުރަހާލި ރޮނގަކުން ދޯންޏެއްގެ ފާޑު ގެނަސް، ސީދާ ބޮޑު މަސްކުޅުމަށް ހާއްސަކޮށް ތައްޔާރުކުރި ދޯންޏެކެވެ. ދޯނީގައި ބޭނުންކޮށްފައި ހުރި ހުންގާނާއި، ހުންގާނު ދޫންޏާއި، ދިރުނބާމައްޔަލާއި، ދިރުނބާމުލަކާއި އަދި މޫޓު ތަކަކީ، އިހުގެ ދޯނިތަކުގެ ބައްޓަން ގެނައުމަށް ސަމާލުކަން ދީގެން ކޮށްފައިވާ ކަވި މަސައްކަތްތަކެކެވެ.

ވެލިދޫގެ ބޮޑު މަސް ކުޅުން ތަފާތުވީ ކިހިނެއް؟

މަސް ކުޅުމަށް ދޯނި ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން ---

މީގެ އިތުރުން، އާންމުކޮށް މަސްކުޅުމުގައި ބޭނުންކުރާ ދޯނިތަކަކީ އަބަދު އެއްތަނެއްގައި ބާއްވާފައި އޮންނަ ދޯނިތަކެކެވެ. ނަމަވެސް ވެލިދޫގައި މަސް ކުޅުމަށް ބޭނުންކުރި ދޯނި ދުވިއެވެ. ރާޅާ ޖަހާލައެވެ. އަދި ދޯނީގެ ފަޑީގަ ލެނގިލާ ފަޅިއަކަށް އަރިވެއެވެ. 

ދޯނީގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނު، އާއިލާގެ އެންމެ ދޮއްޓަށް ހުންނަ އިބްރާހިމް ގާސިމް ބުނީ، މި ތަފާތުތައް ދޯނިން ގެނައީ ވަރަށް ރޭވިގެން، މަސް ކުޅުން ފުރިހަމަ ކުރުމަށް ގެނައި ބަދަލުތަކުގެ ތެރެއިން ކަމަށެވެ.

މަސް ކުޅޭއިރު މައިގަނޑު ކަންކަން މި ހިނގަނީ ދޯނީގަ. އެހެންވީމާ ދޯނީގެ ބައްޓަން އިހުގެ މަސް ދޯނިތަކާ އެއްގޮތަށް ގެންނައިރު، މަސް ކުޅޭ އިރު ދޯނި އެ އުޅެނީ މާކަނޑުގައޭ، ބަލަން ތިބޭ މީހުންނަށް އިހުސާސްވާފަދަ ގޮތަކަށް ގެނަސް ދިނުމަށް ބޭނުންވީ. އަދި ބޮޑު މަހެއް ބާނާއިރު މަހުގެ ވާނަށް ދޯނި ދިއުމަކީ މި ހަރަކާތް އިތުރަށް ފުރިހަމަވެގެންދާނެ ކަމެއްކަމަށް ވިސްނައިގެން މި މަސައްކަތްކުރީ.

އިބްރާހިމް ގާސިމް ބުންޏެވެ.

އިބްރާހިމް ގާސިމް ކިޔައިދިން ގޮތުން، މި ފުރިހަމަކަން ދޯންޏަށް ގެނައީ، ދޯނި ފަސޭހަކޮށް އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ ގޮތަށް ފުރޮޅުތަކެއް ހަރުކޮށްގެން ކަމަށާއި، މޫދުގައި ދޯނި އޮންނަ އިހުސާސެއް އެ ގެނުވީ، އެ ފުރޮޅުތަކުގައި "ޝޮކް"ތަކެއް ހަރުކޮށްގެންކަމަށެވެ. އޭނާއަކީ ވަޑިއެއްގެ އިތުރުން އިންޖިނިއަރެއްކަމުން، މި ފަދަ ބަދަލުތައް ގެނައުމަކީ ފަރިތަކަމެއްކަން "ފަރުދުން"އަށް ދިން އިންޓަވިއުގައި އޭނާ ބުންޏެވެ.

ވެލިދޫގެ ބޮޑު މަސް ކުޅުން ތަފާތުވީ ކިހިނެއް؟

ބޮޑު މަސް ކުޅުމަށް ބޭނުންކުރި ދޯނި ---

އަދި ޢާއިލާގެ ފިރިހެން މެމްބަރުން، ބޮޑުމަސް ބާނަން ތައްޔާރުކޮށްފައިވާ ދޯނީގެ ފުރިހަމަކަމާއި، މަސްދޯންޏެއްގެ ރީތި ސިފައެދޯނިން ފެނިގެން ދިޔައެވެ.

މި ހަރަކާތާ ގުޅިގެން ވެލިދޫގެ އިސްރަށްވެއްސެއް ކަމުގައިވާ އާދަމް އިބްރާޙިމް ފޭސްބުކުގައި ލިޔެފައިވެއެވެ.

ދޯނީގެ ބައްޓަމަށް އައިސްފައި ހުރި ރީތިކަން ފުރިހަމަކޮށްދިނީ، ކާސިންފުޅުބެއަށް ކާފަ ކިޔާ، އަދި މި އިވެންޓު އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަހުމަދު ޝާޒިން ނުވަތަ ދި އައިލެންޑް އާރޓިސްޓުގެ ކުލަ ފިހިންނެވެ. 

މި ހަރަކާތުގައި ބޭނުންކުރި ބޮޑު މަހަކީ، ތަފާތު ސިފަތަކެއް ލިބިފައިވާ ބޮޑު ކަޅުބިލަ މަހެކެވެ. އެގޮތުން މީގެ ކުރިން ބޮޑުމަސް ކުޅުމުގައި ފެނިފައިނުވާހާ އޮމާންކޮށް މަހުގެ އަނގަޔާއި، ނަގުލާއި، ކޮތަރިތަކާއި، ކަންފަތް ވެސް ހަރަކާތް ކުރިއެވެ. މަސް ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، ކާސިމްފުޅުބޭގެ ދަނބިދަރިއެއް ކަމުގައިވާ މުހައްމަދު އިބުރާހިމް ބުނީ، މަހުގެ މަސައްކަތް ކުރުމުގައި އެންމެ އިސްކަން ދިނީ، ކަޅުބިލަ މަހުގެ އަސްލު ސިފަ ގެނައުމަށާއި، މަސް ކުޅެން ފެށުމާ ހިސާބުން ނިމެންދެން އޭގެ އަސްލު ނުގެއްލި އޮންނާނެ ގޮތަކަށް ގެނަސްދިނުމަށް ކަމަށެވެ. 

 

ވެލިދޫގެ ބޮޑު މަސް ކުޅުން ތަފާތުވީ ކިހިނެއް؟

ބޮޑު މަސް ހެދުމަށް ތައްޔާރުވުމާއި އެ މަސައްކަޔް ފެށުން ---

އެގޮތުން މަހުގެ އަސްލު ސިފަ ގެނައުމަށް ބޭނުންކުރީ ވަކި މިންތަކަކަށް ކީހާފައިވާ ކަވަރުނާތަކެއް ކަމަށާއި، އަދި މަހުގެ ހަރަކާތްތައް އޮމާންކޮށް ގެނަސްދީފައި އެވަނީ، ހުޅުތަކެއް ބޭނުންކޮށް މަހުގެ ތެރޭގައި ތިބި މީހުންނަށް ފަސޭހަކޮށް މަހުގެ އަނގަޔާއި، ކޮތަރިތަކާއި، ކަންފަތް ހަރަކާތް ކުރެވޭގޮތަށް ހަދާފައި ވުމުންކަމަށް އޭނާ ވަނީ ކިޔާދީފައެވެ.

އަދި މި މަހުގައި ތޮށަލި ޖަހާފައިވަނީ ވެސް އާންމުކޮށް ބޮޑު މަސް ކުޅުމުގައި މިކަން ކުރާ ގޮތަށްވުރެ ތަފާތުކޮށް، މަހުގެ ސިފަ ގެއްލޭ ގޮތަށް ބޭނުންކުރާ މާކިސްތައް ނުހިމަނައެވެ. 

 

ވެލިދޫގެ ބޮޑު މަސް ކުޅުން ތަފާތުވީ ކިހިނެއް؟

ވެލިދޫއިން ބޭނި ބޮޑު މަސް ---

ގާސިމްސް ފެމިލީގައި ހުރިހާ ހުނަރެއްގެ މީހުން ތިބުމުން، މަސް ކުޅުމުގެ ހަރަކާތް ހުށަހަޅާދީފައި ވަނީވެސް، ބަލަން ތިބި މީހުންނަށް ވީހާ ވެސް ބޮޑަށް ތަފްސީލުވާނޭހެންނެވެ. އެގޮތުން ތަމްސީލުގައި ރަށުތެރޭގެ ހާދިސާތަކުގެ ޑައިލޮގުތައް ރެކޯޑުކޮށްގެން ބޭނުންކުރި ނަމަވެސް، މަސް ދޯނީގައި ކާފާބެއާއި ދޮންފުތުގެ ހަރަކާތްތަކާއި ގުޅޭހެން އެމީހުންގެ ޑައިލޮގުތައް ވަގުތުން ގެނަސްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ، ކާސިންފުޅުބޭގެ ދެވަނަ ފިރިހެން ދަރި، މުހައްމަދު ގާސިމްއެވެ. 

ލިޔުންތެރިކަމާއި، ވާހަކަދެއްކުންތެރިކަމާއި، ވާހަކަ ދެއްކުން ނަކަލުކުރުމުގެ ހުނަރު އޭގެ އެންމެ އުހުގައި ހުރި މުހައްމަދު ވަނީ ކާފާބޭގެ ހަރަކާތްތަކާ އެއްގޮތަށް، އޭނާގެ ޑައިލޮގުތައް ވަރަށް ފުރިހަމައަށް ގެނަސްދީފައެވެ. ކާފާބޭގެ ރޯލުގައި ހަރަކާތް ކުރަމުން ދިޔަ މީހާގެ އަޑު ނޫންކަން ނޭންގޭހާ ފުރިހަމަކޮށް، އޭނާއާއި ކާފާބޭގެ ރޯލު ކުޅުނު މީހާ ތިބީ ގުޅިފައެވެ. ވާހަކައާއި ހަރަކާތްތައް އެހާ ވެސް ފުރިހަމައެވެ.

ވެލިދޫގެ ބޮޑު މަސް ކުޅުން ތަފާތުވީ ކިހިނެއް؟

މަސް ކުޅުމުގެ ތަމްސީލުގައި އުޅުނު ކިޔެވެލިބެ، ފޮޓޯ: ނޫނު ފޮޓޯ

ޑައިލޮގުތައް ގެނަސްދިނުމަށް މުހައްމަދު އޮތީ، ތަމްސީލު ކުރިދިޔަގޮތުންނަމަ މޫދުގައި އޮތް މަޑިއެއްގެ ތެރޭގައެވެ. އެއީ ބަލަން ތިބި މީހުންނަށް ނޭންގި، ކާފާބޭގެ ހަރަކާތްތައް ކައިރިން ބަލަމުން އެންމެ ފުރިހަމައަށް ގެނަސްދިނުމަށްޓަކައިކަމަށް، "ފަރުދުން" އަށް ދިން އިންޓަވިއުއެއްގައި މުޙައްމަދު ބުންޏެވެ.

މި ހަރަކާތް ދެން ހާއްސަވި އަނެއް ސަބަބަކީ، މަހަށް ފުރުމުގެ ކުރިން ފިރިހެންވެރިންނަށް އަންހެންވެރިން ވެދޭ އެހީތެރިކަން ފެނިގެން ދިއުމުންނެވެ. އަދި ތަމްސީލު ފެށިގެން ނިމެންދެން ވެސް، އިހުގެ ދިރިއުޅުން ރަށުތެރެއިން ދައްކައި ދިނުމަށް ގިނަ ބަޔަކު ހަރަކާތްތެރިވުމުންނެވެ. 

ނ. ވެލިދޫ، ލައިޓުކޯނަރ އަލް މަރުޙޫމު ޤާސިމް މޫސާގެ ޢާއިލާއިން، ރޭގައި ވެލިދޫ ބަނދަރުފަރާތު ސުޓޭޖް ސަރަޙައްދުގައި، ބޮޑު މަސް ކުޅިފައިވަނީ ވަރަށް އުފެއްދުންތެރި ކަމާއެކު އެކަމުގެ އަސްލާއި އެއްގޮތައްކަމަށް ބެލެވެއެވެ. ހަމައެޔާއެކު ، ބޮޑު މަސް ކުޅުމަކީ، ދިވެހިންގެ ސަގާފަތާއި ގުޅުންހުރި ކުޅިވަރެއްކަމާއި އަދި ބޮޑުމަސްކުޅޭގޮތުގެ ތަޢާރަފު އެނައުންސް ކުރެއްވި އެ ޢާއިލާގެ މެމްބަރު ދެއްވިއެވެ. ބޮޑު މަސް ބާނަން މަހަށްދާ ފިރިހެނުން މަހަށްފުރުވަން އަންހެން ވެރިން ވެދޭއެހެތެރިކަމާއި، އެމީހުންގެ ހިއްސާއޮތްމިންވަރު ރޭގަ ބޮޑުމަސްކުޅުމުގައި ބައިވެރިވި އެ ޢާއިލާގެ އަންހެން މެމްބަރުންގެ ބައިވެރިވުމުން، ފެނިގެން ދިޔައެވެ.

މި ހަރަކާތާ ގުޅިގެން ވެލިދޫގެ އިސްރަށްވެއްސެއް ކަމުގައިވާ އާދަމް އިބްރާޙިމް ފޭސްބުކުގައި ލިޔެފައިވެއެވެ.

މިއީ ވެލިދޫގައި އޮތް ބޮޑު މަސް ކުޅުން ތަފާތުވި ގިނަ ސަބަބުތަކެވެ. އަދި މި ހަރަކާތް ގިނަ ބަޔަކު ބަލައިގެންފިކަން، އާއިލާގެ މީހުންނަށް ފޮނުވަމުންދާ މެސެޖުތަކާއި، ސޯޝަލް މީޑިއާގައި ރަށުގެ ހަރު މީހުންކޮށްފައިވާ ޕޯސްޓުތަކުން އެނގެއެވެ.

ވެލިދޫގައި އީދު ފާހަގަކުރުމުގައި އެއް އާއިލާއަކަށް ނިސްބަތްވާ ތަފާތު މޮޅު ހުނަރުވެރިން އެކުލެވޭ ގާސިމްސް ފެމިލީގެ ކޮންމެ ފަހަރެއްގެ ކޮންމެ ހުށަހެޅުމެއްވެސް ވަރަށް ފުރިހަމަ.  

ވެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، މުޙައްމަދު އަބްދުالله ޝަފީގު ބުނެފައިވެއެވެ.

ރޭ ގާސިމްގެ އާއިލާއިން ހުށަހަޅައިން ބޮޑުމަސް ތަމްސީީލަކީ މިފަހުން Eid Ufaa - N.Velidhoo ގައި ވެލިދޫ ގައި މި ކުޅެނުވުނު އެންމެ ރީތި، އެންމެ ފުރިހަމަ ތަމްސީލެވެ. ދިވެހީންގެ އާދަކާދައާ ދިރިއުޅުމުގެ ވައްޓަފާޅިއާ މުރާލި ދިރިއުޅުން ވަރަށް ފުރިހަމައަށް ގެނެސްދިންކަމާމެދު ދެބަސްވުމެއް ނެތެވެ. ކޮންމެ އަހަރަކުވެސް ގާސިމްގެ ފެމެލީ (މަރުހޫމު ކާސިމްފުޅުބޭގެ ހުވަފެން އަނބިކަނބަލުންނާ ދަރިންނާ ކާފަދަރިންނާ މުނިކާފަދަރިން އަދި ކައިވެނީގެ ސަބަބުން ދަރިންނަށް ވެފައިވާ މީހުން ހިމެނޭ ގޮތުން) މިފަދަ ނަލަ، ރީތި، ޗާލު ހުށަހެޅުމެއް ހުށަހަޅައި ދެއްވައެވެ. މިކަމުގެ ސަބަބުބްރަށުވަންތަ ލޯތްބާއި އާއިލީ ގުޅުމާ އިޖުތިމާއީ ފޭރާން ޖަރީކުރުވައެވެ.  

ވެލިދޫގެ އިޖުތިމާޢީ ޚިދުމަތްތެރިއެއް ކަމުގައިވާ މުޙައްމަދު ޙަލީމް ފޭސްބުކްގައި ލިޔެފައިވެއެވެ.

މި ފަދަ ގިނަ ހަރަކާތްތަކާއެކު، ވެލިދޫ ޢީދަކީ ކާބަފައިންގެ ފުށުން ވާރުތަވެފައިވާ ހަރަކާތްތަކާ، ސަގާފީ އަދި ޒަމާނީ ކުޅިވަރުތަކާއެކު، ވެލިދޫގައި އެ ރަށަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނަކަށް ވެސް ޢީދުގެ އުފަލުގައި ބައިވެރިވެވޭނެ ގޮތަށް ކުރިޔަށް ގެންދާ ހަރަކާތްތަކެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS