Ads by Stelco

ޚަބަރު

ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބަސަޑަރަކަށް ކެޓްރީނާ ހަމަޖައްސައިފި

ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބަސަޑަރަކަށް ކެޓްރީނާ ހަމަޖައްސައިފި

ކެޓްރީނާ ކައިފް. ފޮޓޯ: އިންސްޓަގްރާމް

farudhun logo

ފަރުދުން

10 ޖޫން 2025، 01:23

10 ޖޫން 2025، 01:23

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް ބްރޭންޑް އެމްބަސަޑަރުގެ މަޤާމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ހަމަޖައްސައިފިއެވެ.

ހޫނު މޫސުމާ ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ކެމްޕޭނެއްގެ ދަށުން ކެޓްރީނާ މި މަޤާމަށް ހަމަޖައްސާފައިވާއިރު، މި ކެމްޕޭނުގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި، މަތީ ފަންތީގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި ކެޓްރީނާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ، އޭނާގެ ފޮލޯވަރުންނާ ރަނގަޅު ގުޅުމެއް އޮންނަ ފަންނާނެކެވެ. 

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ މަޤާމު 5 އަހަރު ހާސިލްކޮށްފައިވާ ރާއްޖެ ޕްރޮމޯޓު ކުރުމަށް ކެޓްރީނާއަކީ އެންމެ އެކަށޭނެ އެކަކު ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ކެޓްރީނާ މި މަޤާމާ ހަވާލުވެ ބުނެފައިވަނީ ދިވެހި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ޚިދުމަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ކިޔައިދިނުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

މި ކެމްޕޭނުގެ ދަށުން އިނގިރޭސިވިލާތް، ރަޝިޔާ، ސީއައިއެސް އަދި ޑަޗް މާކެޓުގެ އިތުރުން އިޓަލީ، ސްޕެއިން، ޕޯލެންޑް އަދި އިންޑިއާގައި ޚާއްސަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްސަދަކީ މި ސަރަހައްދުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، އެ ސަރަހައްދުތަކުގެ ދަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ހެދުމެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS