ދުނިޔެ
އިޒްރާއީލުން ޔަމަނުގެ ހޮދެއިދާ ބަނދަރަށް ހަމަލާދީފި

ޔަމަންގެ ހޮދައިދާ ބަނދަރު
ހޫތީ ޖަމާޢަތުން ހަތިޔާރު އުފުލުމަށް ބޭނުންކުރާކަމަށް ބުނެ، އިޒްރާއީލުގެ ސިފައިން ޔަމަނުގެ ހޮދެއިދާ ބަނދަރަށް ރޭގެ ވަގުތެއްގައި ހަމަލާދީފިއެވެ.
އިޒްރާއީލުގެ ސިފައިންނާއި ހޫތީން ކޮންޓްރޯލްކުރާ މީޑިއާތަކުން މި ހަމަލާގެ ވާހަކަ އަންގާރަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. އިންސާނީ އެހީ އެތެރެކުރުމަށް މުހިންމު މި ބަނދަރަށް ދިން ހަމަލާގައި ދެ ޖެޓީއަކަށް ގެއްލުން ލިބުނު ކަމަށް ހޫތީންގެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އިޒްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ، "ސިފައިންގެ ބޭނުމަށް" ހޫތީން ބޭނުންކުރާ ބަނދަރުތަކަށް ކަނޑުމަތީގެ އުޅަނދުތަކުން މިސައިލް ދޫކޮށްފައިވާ ކަމަށެވެ.
މި ހަމަލާގައި އެއްވެސް މީހަކު މަރުވި ނުވަތަ ޒަޚަމްވި ކަމަކަށް ދެފަރާތުގެ އެއްވެސް ރިޕޯޓެއްގައި ބުނެފައެއް ނުވެއެވެ. 2014 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، މިލިއަނުން ގިނަ ޔަމަނު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ޔަމަނުގެ ހުޅަނގު ސަރަހައްދުގައި އޮންނަ ހޮދެއިދާ ބަނދަރެވެ.
އިޒްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ، ހޫތީންގެ ހަމަލާތައް ހުއްޓާނުލައިފިނަމަ "ވަރުގަދަ ޖަވާބެއް" ދޭނެ ކަމަށާއި، ވައިގެ އަދި ކަނޑުމަތީގެ "ބްލޮކޭޑް" އެއް އަޅާނެކަމަށް އިންޒާރުދީފައެވެ. މި ހަމަލާގެ ކުރިން، ރަސް އީސާ، އަސް-ސަލިފް އަދި ހޮދެއިދާ ބަނދަރުން އާންމު ރައްޔިތުން ދިއުމަށް އިޒްރާއީލުގެ ސިފައިންގެ ފަރާތުން އިންޒާރުދީފައިވެއެވެ.
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ހޫތީން ވަނީ އިޒްރާއީލަށް މިސައިލް އަދި ޑްރޯން ހަމަލާތައް ދީފައެވެ. މޭ މަހު ހޫތީންގެ ބެލިސްޓިކް މިސައިލްއެއް އިޒްރާއީލުގެ ބެން ގުރިއަން އެއަރޕޯޓަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ވަގުތީ ގޮތުން ފްލައިޓްތައް ހުއްޓާލަން ޖެހުނެވެ.