ކުޅިވަރު
ނޭޝަންސް ލީގުގެ ނާކާމިޔާބަށްފަހު ފުޓުބޯޅައިގެ ދުނިޔެއަށް ޕެޑްރީގެ ވަރުގަދަ މެސެޖެއް

އިންސްޓަގްރާމްގައި ޕެޑްރީ ޕޯސްޓުކުރި ފޮޓޯ ---
ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން ލިބުނު ނާކާމިޔާބަށްފަހު، ފުޓުބޯޅައިގެ ދުނިޔެއަށް ސްޕެއިންގެ މިޑްފިލްޑަރ، ޕެޑްރީގެ ނުސީދާ މެސެޖެއް ފޮނުވާލައިފިއެވެ.
ބާސެލޯނާއަށް ކުޅެމުން އަންނަ ޕެޑްރީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާލި މެސެޖު ގުޅިފައިވަނީ މި އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕާއެވެ.
އޭނާ އާއި ލެމީން ޔަމާލް އަދި ނިކޯ ވިލިއަމްސް ސްޕެއިންގެ ޖާޒީގައި ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާއިރު، އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިއޮތީ "1 9 0 7 2 6" މިހެނެވެ. މި އަދަދުތައް ތިން ބަޔަކަށް ބަހާލުމުން ސިފަކުރެވެނީ ތާރީހެއް ގޮތަށެވެ. އަދި އެއީ ތާރީހެއްނަމަ، އެއީ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ކަނޑައަޅާފައިވާ ދުވަހެވެ.
އެހެންކަމުން މިއީ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކަށް ދިން ވަރުގަދަ މެސެޖަކަށް ނޫނީ ނުވާނެއެވެ.
މި އަންނަ އަހަރު ވޯލްޑް ކަޕް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާއިރު، ސްޕެއިންގެ ޓީމުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން ގިނައެވެ. އޭގެ ތެރެއިން އުމުރުން 17 އަހަރުގެ ޔަމާލްއަކީ ސްޕެއިންގެ އެޓޭކުގައި މިހާރު ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ، އަދި އިދިކޮޅު ޓީމުތައް ޖެހިލުންވާފަދަ ހުނަރުވެރި ކުޅުންތެރިއެކެވެ.
ސްޕެއިންއަށް މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕެވެ. އަދި އޭރުގެ ސްކޮޑުގެ އެއްވެސް ކުޅުންތެރިއަކު މިހާރު އެ ޓީމުގެ ސްކޮޑުގައި ނުހިމެނޭއިރު، އެންމެ ފަހުން އޮތް ދެ ވޯލްޑް ކަޕުން ވެސް ސްޕެއިން ކެޓީ ގަދަ-16 އިންނެވެ. އެ ދެ ފަހަރު ވެސް އެ ޓީމަށް ނާކާމިޔާބުވީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން 2018ގައި ރަޝިއާ އަތުން ބަލިވިއިރު، 2022ގައި އެ ޓީމުގެ މައްޗަށް ކުރި ހޯދީ މޮރޮކޯއެވެ.
ވޯލްޑް ކަޕްގެ ފަހުން އަދި ނޭޝަންސް ލީގުގެ ކުރިން ސްޕެއިން ވަނީ ޖަރުމަނުގައި މިދިޔަ އަހަރު އޮތް ޔޫރޯ ކާމިޔާބުކޮށްފައެވެ. އެ ޓީމުން ޔޫރޯ ކާމިޔާބުކުރީ ކުއާޓާ ފައިނަލުގައި ޖަރުމަނު، ސެމީ ފައިނަލުގައި ފްރާންސް އަދި ފައިނަލުގައި އިނގިރޭސިވިލާތް ބަލިކުރުމަށްފަހުއެވެ.