ކުޅިވަރު

ލިވަޕޫލްއާ ގުޅެން ވާރޓްޒް އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި

ލިވަޕޫލްއާ ގުޅެން ވާރޓްޒް އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި

ފްލޯރިއަން ވާރޓްޒް ވަނީ ލެވަކޫސެންއާއެކު ޖަރުމަނު ލީގު ކާމިޔާބުކޮށްފައި، ފޮޓޯ: ގެޓީ އިމޭޖަސް

11 ޖޫން 2025، 07:24

އިނގިރޭސިވިލާތުގެ ޗެމްޕިއަން ލިވަޕޫލް ފުޓުބޯޅަ ކްލަބާ ގުޅުމަށް ޖަރުމަނުވިލާތުގެ ބެޔާން ލެވަކޫސެންގެ ޒުވާން މިޑްފީލްޑަރ، ފްލޯރިއަން ވާރޓްޒް އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުން، އޭނާ ލިވަޕޫލްއާ ގުޅޭނީ ލީގުގެ ރެކޯޑު ފީ އަކަށެވެ. އެގޮތުން މަޝްހޫރު ސްޕޯޓްސް ޖާނަލިސް ފެންރީޒިއޯ ރޮމާނޯ ބުނީ، ވާރޓްޒްއަށް ލިވަޕޫލުން ވަނީ 126 މިލިއަން ޕައުންޑުގެ ފީ އެއް ހުށަހަޅާފައެވެ. 

އަދި މިކަމާ ގުޅޭ ގިނަ ކަންކަމާއި ލިވަޕޫލް އާއި ވާޓްޒްގެ އިތުރުން ލެވަކޫސެން ވެސް އެއްބަސްވެފައިވާކަމަށް ޖަރުމަނުވިލާތުގެ ބައެއް ނޫސްތަކުގައި ލިޔެފައި ވެއެވެ. 

މިއަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން ވަނީ ލެވަކޫސެންގެ ފަހަތަށް ކުޅެމުން އަންނަ ޖެރެމީ ފްރިންޕޮންގުގެ ސޮއި ވެސް ހޯދާފައެވެ. ބެލެވޭ ގޮތުގައި އެއީ އެލެކްސެންޑަރ އާރނޯލްޑު ރެއާލް މެޑްރިޑަށް ބަދަލުވުމުން، އޭނާގެ ބަދަލުގައި ގެނައި ކުޅުންތެރިއެކެވެ. 

އަދި ވާރޓްޒްގެ ސޮއި ހޯދުމާ ގާތަށް ލިވަޕޫލުން އިންތިޒާމުތައް ހަމަޖައްސަމުން ދާއިރު، ޖަރުމަނުގެ ގަދަބާރު ބެޔާން މިއުނިކުން ވެސް ދިޔައީ އޭނާއަށް ފާރަލަމުންނެވެ. 

ލިވަޕޫލްއަށް މިހާތަނަށް އެންމެ އަގަބޮޑުކޮށް ގެނަސްފައިވަނީ ޑާރވިން ނުނޭޒްއެވެ. 2022 ގައި 85 މިލިއަން ޕައުންޑަށް އޭނާ ގެނައުމުގެ ކުރިން ލިވަޕޫލްގެ އެންމެ އަގުބޮޑު ކުޅުންތެރިންގެ ލިސްޓުގައި ދެން އުޅެނީ 75 މިލިއަން ޕައުންޑަށް ގެނައި ވާރޖިލް ވެން ޑައިކް އާއި 65 މިލިއަން ޕައުންޑަށް ގެނައި އެލިސަން ބެކާރއެވެ. 

ވާރޓްޒް އާއި އޭނާގެ އާއިލާ މިދިޔަ މަހުގެ ފަހުކޮޅު އިނގިރޭސިވިލާތަށް ދަތުރުކުރިކަމަށް "ދިސް އިޒް އެންފީލްޑް"ގައި ރިޕޯޓުކޮށްފައިވެއެވެ. އަދި މި ދަތުރުގައި އެ ގައުމުން ގެއެއް ހޯދުމުގެ މަސައްކަތް ވެސް ކޮށްފައިވާކަމަށް ވަނީ ހަބަރު ލިބިފައެވެ. އެހެންކަމުން އޭނާ ލިވަޕޫލްއަށް ބަދަލުވުމަކީ ދެން މާ ދުރުގައި އޮތް ކަމެއްކަމަކަށް ނުބެލެވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS