Ads by Stelco

ޚަބަރު

ޝައިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ވަޒީރު ޑރ. ޝަހީމް

ޝައިޚް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ވަޒީރު ޑރ. ޝަހީމް

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު/ފޮޓޯ: އެޓޯލް ޓައިމްސް

12 ޖޫން 2025، 01:51

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލްމަރުޙޫމް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމިއްޔާއިން ނިންމެވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ، ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި މިސްކިތެއް ބިނާކުރުމަށް ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. އަދި ޝައިޚްގެ ހަނދާނުގައި ރާއްޖެއިން ބޭރުގައި މިސްކިތެއް ހުރުމަށްވުރެ ރާއްޖޭގައި މިސްކިތެއް ބިނާކުރުން މާ އަޢުލާކަން ބޮޑުކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި މިސްކިތް ހުންނަންވާނީ އިސްލާމީ ޢިލްމުގެ ލައިބްރަރީއަކާއި، ޤުރްޢާން ކިޔަވާދެވޭނެ ކްލާސްރޫމްތަކާއެކު ޝައިޚް ކުރެއްވި މަސައްކަތްތައް ދިރުވާނެ ތަނެއްގެ ގޮތުގައި ޝައިޚްއަށް ވަޤުފްއެއްގެ ގޮތުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި މިސްކިތް ބިނާކުރުމުގައި ޚިދުމަތް ޖަމިއްޔާއިން ބޭނުންވާ އެންމެހާ ކަންތައްތަކެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެހީތެރިކަން ދެއްވާނެ ކަމަށެވެ. އެގޮތުން، މި މިސްކިތް ބިނާކުރާނެ ބިމެއް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށާއި، މާލީ ގޮތުންވެސް ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޝައިޚް ފަރީދު އަވަހާރަވީ، ދީނީ ދަޢުވަތުގެ މަސައްކަތެއްގައި ހޯމަ ދުވަހު މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. އަދި ޝައިޚް ގެ ޖަނާޒާ ބާއްވާފައިވަނީ އިއްޔެ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯރގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. އަދި ޝައިޚް ފަރީދު ވަޅުލާފައިވަނީ، ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS