Ads by Stelco

ޚަބަރު

އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓި ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓި ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ވެއްޓުނު މަތިންދާބޯޓު/ފޮޓޯ: އެންޑީޓީވީ

12 ޖޫން 2025، 04:19

އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓި ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް 242 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ މަތިންދާބޯޓު ވެއްޓިފައިވަނީ، އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަށް މަތިންދާބޯޓު ވެއްޓުނު ހިތާމަވެރި ޙާދިސާއާއި ގުޅިގެން ނުހަނު ހިތާމަކުރައްވާ ކަމަށެވެ. އަދި މި ދަތި އުނދަގޫ ވަޤުތުގައި، މުޅި ދިވެހި ސަރުކާރާއި ރައްޔިތުން އިންޑިއާގެ މި ހިތާމައިގައި ބައިވެރިވެލައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި ދަނޑިވަޅުގައި އިންޑިއާގެ ރައްޔިތުންނާއި ސަރުކާރަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ވެއްޓުނު މަތިންދާބޯޓަކީ ބޯއިންގ 787-800 ޑްރީމްލައިނަރ މަރުކާގެ ޒަމާނީ އުޅަނދަކަށް ވާއިރު، އެ މަތިންދާބޯޓުން ދަތުރުކޮށްފައި ވަނީ، އިންޑިޔާގެ 169 މީހުންނާއި، އިނގިރޭސިވިލާތުގެ 53 މީހުންނާއި، ޕޯޗުގަލްގެ ހަތް މީހުންނާއި، ކެނެޑާއަށް ނިސްބަތްވާ މީހެއް ކަމަށް އެއަރ އިންޑިޔާއިން ވަނީ ބުނެފައެވެ. އަދި މި މަތިންދާބޯޓު ވެއްޓުމާއި ގުޅިގެން އަޙްމަދުއާބާދު ވައިގެ ބަނދަރުގައި ކުއްލިހާލަތު އިޢުލާނު ކޮށްފައިވާއިރު، އަލިފާން ނިއްވާ އިދާރާތަކުގެ ޓީމުތަކުން މި ވަގުތު ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS