ޚަބަރު
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފިލިޕީންސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ފިލިޕީންސްގެ ދިދަ/ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ތަހުނިޔާ ފޮނުއްވައިފި އެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ، ފިލިޕީންސްގެ ޚާރިޖީ ވަޒީރު، ހިޒް އެކްސަލަންސީ އެންރީކޭ އޭ މަނާލޯ އަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ.
މި މެސެޖުގައި ވަޒީރު ވިދާޅުވީ، އެ ޤައުމުގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ފިލިޕީންސްގެ ޚާރިޖީ ވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހަމަ އެހެންމެ، ދިވެހިރާއްޖެ އާ ފިލިޕީންސް އާ ދެމެދު އޮންނަ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އޮންނަ ގާތް ގުޅުމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، ކުރިއަށް އޮތް އަަހަރުތަކުގައި ވެސް ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ވަޒީރުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ކުރާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުއްވުމަށް ފަހުގައެވެ.