ދުނިޔެ
އިޒްރާއީލުން އީރާނުގެ ނިއުކްލިއަރ އަދި އަސްކަރިއްޔާގެ ބޭސްތަކަށް ހަމަލާދީފި

އިޒްރާއިލުން އިރާނަށް ދިން ހަމަލަގައި ހަލާކުވެފައިވާ އިމާރާތެއް.
އިޒްރާއީލުގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކާއި އަސްކަރީ ތަންތަނަށް ވަރުގަދަ ހަމަލާތަކެއްދީފިއެވެ.
މި ހަމަލާތަކުގައި އީރާނުގެ އިސް އަސްކަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ތަކެއް ވަނީ ޝަހީދުވެފައެވެ. މި ހަމަލާތަކާ ގުޅިގެން ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އުފެދިފައިވެއެވެ.
އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހުކުރު ދުވަހުގެ ހެނދުނާ ޝާއިޢުކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މި ހަމަލާތައް އަމާޒުކުރެވިފައިވަނީ އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކާއި ބެލިސްޓިކް މިސައިލް އުފައްދާ ތަންތަނަށް ކަމަށެވެ.
"އަހަރެމެންނަށް ކުރިމަތިވެފައިވާ ނެތިކޮށްލުމުގެ ނުރައްކާ ދުރުކުރުމަށް މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ބޭނުންވާ ހުރިހާ ވަގުތެއް ނަގައިގެން،" ނެތަންޔާހޫ ބުނެފައިވެއެވެ.
އިޒްރާއީލުގެ ސިފައިންގެ އިސް ވެރިޔާ އެޔަލް ޒަމީރު ވިދާޅުވީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ވަނީ "އަނބުރާ ނުލެވޭ ހިސާބަށް" ގޮސްފައި ކަމަށާއި، "އަހަރެމެންގެ ވުޖޫދު ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި" އިތުރަށް މަޑުކުރެވެން ނެތް ކަމަށެވެ. އިޒްރާއީލުގެ 200 ހަނގުރާމަވެރި މަތިންދާބޯޓުން އީރާނުގެ 100 އަށް ވުރެ ގިނަ ތަނަކަށް ހަމަލާދިން ކަމަށް އިޒްރާއީލުގެ ސިފައިން ބުނެފައިވެއެވެ.
މި ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރ އިން ޗީފް ހުސެއިން ސަލާމީ އާއި، އީރާނުގެ ހަތިޔާރުވެރި ބާރުތަކުގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގޭރީ އާއި، ނިއުކްލިއަރ ސައިންޓިސްޓުން ކަމަށްވާ މުހައްމަދު މެހްދީ ތެހްރާންޗީ އަދި ފެރެއިދޫން އައްބާސީ މަރުވެފައިވާ ކަމަށް އީރާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުއްﷲ އަލީ ހަމްނެއީ ވިދާޅުވެފައިވަނީ އިޒްރާއީލުން "ވޭންދެނިވި އަދި ހިތި ނަތީޖާއަކަށް" ތައްޔާރުވުމަށެވެ. އަދި އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިސްރާއީލުގެ މި ހަމަލާތަކަކީ އެމެރިކާގެ "ވިލަރެސްކުރުމާއި ހުއްދައާ" އެކު ދެވުނު ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށާއި، އެކަމަށް ޖަވާބުދާރީވުމުގެ "ޤާނޫނީ އަދި މަޝްރޫއު" ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ.