ދުނިޔެ

އީރާނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑަށް އިޒްރޭލުން ހަމަލާދީފި

އީރާނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑަށް އިޒްރޭލުން ހަމަލާދީފި

އިޒްރޭލުގެ ހަމަލާއާ ގުޅިގެން ސައުތު ޕާސްގައި އަލިފާން ރޯވެފައި، ފޮޓޯ: ގެޓީއިމޭޖަސް

15 ޖޫން 2025، 07:41

އީރާނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑު ކަމުގައިވާ ސައުތު ޕާސްއަށް، އިޒްރޭލުން ޑްރޯން ހަމަލާތަކެއް ދީފިއެވެ.

ރޭގެ އިރާކޮޅު ދިން މި ހަމަލާއާ ގުޅިގެން އެ ތަނުގައި ވަނީ އަލިފާން ރޯވެފައެވެ. އަދި މި ގޭސް ފީލްޑަކީ އީރާނުގެ އިތުރުން ގަތަރުން ވެސް ހިއްސާކުރާ ގޭސް ފީލްޑެކެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ގުޅުން އޮންނަ ތަސްނީމް ނިއުސް އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މި ތަނުގައި ކުރިޔަށް ދަނީ ގުދުރަތީ ގޭސް ނެގުމުގެ މަރުހަލާގެ ތެރެއިން "ގޭސް ސްވީޓެނިން ޕްރޮސެސް" އެވެ. މިއީ ހައިޑްރޮޖެން ސަލްފައިޑް އަދި ކާބަންޑައިއޮކްސައިޑް ފަދަ އެސިޑިކް ގޭސްތައް ނައްތާލާ މަރުހަލާއެވެ. 

މި ފީލްޑުން ދުވާލަކު 700 މިލިއަން ކިއުބިކް މީޓަރަށްވުރެ ގިނައިން ގޭސް އުފައްދައެވެ. މިއީ އީރާނުގެ ގުދުރަތީ ގޭސް އުފެއްދުމުގެ ގާތްގަނޑަކަށް 65-70 އިންސައްތަ މަސައްކަތް ހިންގަމުންދާ ރިފައިނަރީއެކެވެ. އަދި މި ރިފައިނަރީއަކީ އެ ގައުމުގެ ބޭނުންތަކަށާއި، ޕެޓްރޯކެމިކަލް އިންޑަސްޓްރީއަށާއި، ގޭސް އެކްސްޕޯޓު ކުރުމަށް ވަރަށް މުހިންމު ފީލްޑެއްކަމަށް ރިޕޯޓުތައް ބުނެއެވެ.



މި ހަމަލާއަކީ 1980 ގެ ތެރޭގައި ކުރި އީރާން-އިރާގު ހަނގުރާމައަށް ފަހު އީރާންގެ ތެލާއި ގޭހުގެ އިންފްރާސްޓަރަކްޗާއަށް ބޭރު ބަޔަކު ދިން ފުރަތަމަ ހަމަލާއަށެވެ.

އިސްރާއީލުގެ ހަމަލާތަކަށްފަހު ގޭސް ރިފައިނަރީގައި ހިނގި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އީރާނުން ވަނީ ހާމަކޮށްފައެވެ. 

ހުކުރު ދުވަހުން ފެށިގެން އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށާފައިވާއިރު، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމަށް ވަރަށް ބޮޑަށް ގެއްލުން ދީފައިވެއެވެ. އަދި އިޒްރޭލުން ބުނަމުންދަނީ، މިހާރު އީރާނަށް ބޭނުން ގޮތަކަށް ހަމަލާ ދެވޭނެ ކަމަށާއި، ވެރިރަށް ތެހެރާނަށް އެއްވެސް ހިމާޔަތެއް ނޯންނާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS