ދުނިޔެ
ޣައްޒާގެ އެހީ ބަހާ މަރުކަޒުތަކަށް އިޒްރާއިލުން ދޭ ހަމަލާތައް އިތުރުވެއްޖެ

އިޒްރާއިލުން ޣައްޒާއަށް ހަމަލާދީ ހަލާކުކޮށްލައިފައިވާ ތަނެއް
ޣައްޒާގެ އެހީ ބަހާ މަރުކަޒުތަކަށް އިޒްރާއިލުން ދޭ ހަމަލާތައް އިތުރުވެއްޖެ ކަމަށް ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އެގޮތުން މިއަދު ހެނދުނުން ފެށިގެން އިޒްރޭލު ސިފައިންގެ އަނިޔާވެރި ހަމަލާތަކުގައި 43 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ އިންސާނީ އެހީ ހޯދަން އުޅުނު މީހުންނެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ޝަހީދުވި 26 މީހުންނަކީ އެހީ ލިބޭތޯ ބަލަމުން ދިޔަ މީހުންކަމަށެވެ. އަދި އިޒްރޭލު ސިފައިން ވަނީ އަލް-ނުސައިރަތު ކޭމްޕުގެ އުތުރުގައި އެހީ ހޯދަން ތިބި މީހުންނަށް ޑްރޯން އަދި ބަޑިން ހަމަލާދީފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި މޭ 27 އިން ފެށިގެން "އެމެރިކަން-އިޒްރޭލީ ނިޒާމް" ގެ ދަށުން ކާބޯތަކެތި ބެހުމުގެ މަރުކަޒުތަކަށް ވާސިލުވުމަށް މަސައްކަތްކުރި މީހުންގެ ތެރެއިން 300 މީހުން ޝަހީދުވެ، 2،649 މީހުން ޒަހަމްވެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އަދި 9 މީހުން ގެއްލި ފެނިފައިނުވާކަމަށް ބުނެފައިވެއެވެ.
އެހެން ކަމަކަށް ބަލާއިރު، ޣައްޒާގެ މެދު އަދި ދެކުނު ސަރަހައްދުގައި އިންޓަނެޓް އަދި ފޯނު ޚިދުމަތްތައް ވަނީ ކެނޑިފައެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި މިއީ އިޒްރޭލުން ހަގީގަތް ފޮރުވުމަށް އަދި އިންސާނީ ކާރިސާ އިތުރަށް ބޮޑުކުރުމަށް 10 ވަނަ ފަހަރަށް މުވާސަލާތީ ޚިދުމަތްތައް ކަނޑާލުމެވެ.
"އިޒްރޭލުން ޣައްޒާގައި ބޭނުންކުރަމުންދާ ހަނގުރާމައިގެ އުކުޅުތަކުން ވަނީ ބަޔާންކުރަން ނޭނގޭފަދަ، ގަބޫލުކުރެވޭވަރަށްވުރެ މާ ބޮޑު އަނިޔާވެރިކަމެއް ގެނެސްދީފައި،" މިހެން ބުނެފައިވަނީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރު ވޯކަރ ޓަރކް ވިދާޅުވެފައިވެއެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ވަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ މަރުގެ ހަނގުރާމައެއް ފަށާފައެވެ. މި ހަނގުރާމައިގައި މިހާތަނަށް 184،000 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެ އަދި ޒަހަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 11،000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.