ދުނިޔެ
ޕެރިސް އެއަރ ޝޯގައި ބައިވެރިވި އިޒްރާއީީލްގެ ކުންފުނިތަކުގެ ސްޓޯލްތައް ބަންދުކޮށްފި

ޕެރިސް އެއަރ ޝޯގައި ބެހެއްޓީ އިޒްރާއިލްގެ ސްޓޯލްއެއް.
ޕެރިސް އެއަރ ޝޯގައި ބައިވެރިވި އިޒްރާއީލުގެ މައި 4 ކުންފުނީގެ ސްޓޯލްތައް ފްރާންސްގެ ސަރުކާރުން ބަންދުކޮށްފިއެވެ.
މިގޮތަށް ސްޓޯލްތައް ބަންދުކުރަން ޖެހުނީ އެ ކުންފުނިތަކުން ހަނގުރާމަވެރި ހަތިޔާރާއި ބޮންތައް ސްޓޯލްތަކުގައި ބެހެއްޓުމާ ގުޅިގެންނެވެ. މި ފިޔަވަޅާ ގުޅިގެން އިޒްރާއީލުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ސްޓޯލްތައް ބަންދުކުރުމާއި ގުޅިގެން މި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމަށްވެސް އަސަރުކޮށްފައިވެއެވެ.
ރޮއިޓަރސް އިން ބުނެފައިވާ ގޮތުން، ފްރާންސްގެ ސެކިއުރިޓީ އޭޖެންސީއަކުން ހަނގުރާމަވެރި ހަތިޔާރުތައް ނެގުމަށް އެންގުމުން، އިޒްރާއީލްގެ ކުންފުނިތަކުން އެކަމަށް އިންކާރުކުރުމާ ގުޅިގެން މި ފިޔަވަޅު އަޅަން މަޖުބޫރުވީއެވެ.
މިގޮތުން ބަންދުކުރެވުނު ސްޓޯލްތަކުގެ ތެރޭގައި އެލްބިޓް ސިސްޓަމްސް، ރަފައެލް، އިޒްރާއީލް އެއަރޮސްޕޭސް އިންޑަސްޓްރީސް (އައިއޭއައި) އަދި ޔޫވިޝަން ހިމެނެއެވެ. އެހެންނަމަވެސް އިޒްރާއީލްގެ ކުދި 3 ސްޓޯލް އަދި އިޒްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ސްޓޯލް ހުޅުވިފައި ހުރިކަމަށް ވެއެވެ.
އިޒްރާއީލުގެ ޑިފެންސް މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައ ިބުނެފައިވަނީ މި ފިޔަވަޅަކީ ސިޔާސީ އަދި ވިޔަފާރީގެ މަގުސަދުތަކެއް އެކުލެވޭ ކަމެއްކަމަށެވެ. އަދި ފްރާންސްގެ އަމިއްލަ ވިޔަފާރިތަކާ ވާދަކުރާ އިޒްރާއީލްގެ ހަތިޔާރުތައް ބައިނަލްއަގުވާމީ މައުރަޒަކުން ބޭރުކުރުމަށް ސިޔާސީ ބަހަނާތަކެއް ދައްކަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ.
ލޫބޯޖެޓް (ޕެރިސް އެއަރ ޝޯ) އަކީ ދުނިޔޭގެ އެންމެ ގަދީމީ އަދި އެންމެ ބޮޑު އެއް އެއަރ ޝޯއެވެ. މި މައުރަޒުގައި ޚާއްސަކޮށް އެއަރ ސްޕޭސް އަދި ޑިފެންސް ދާއިރާއަށް އިސްކަން ދެވެއެވެ. އިޒްރާއީލަކީ މި ދާއިރާގައި ކުރިއަރާފައިވާ ގައުމަކަށް ވީނަމަވެސް، މިފަހަރުގެ މައުރަޒުގައި އެ ގައުމުގެ ބައިވެރިވުން ވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައެވެ.