ދުނިޔެ
އިޒްރޭލާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ބޯޑަރުތަކާއި އެއަރ ސްޕޭސްތައް ބަންދުކުރަނީ

އިޒްރާއިލްގެ އެއަޕޯޓެެއް
އިޒްރޭލާއި އީރާނުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ޤައުމުތަކުގެ އެއަރ ސްޕޭސްތަކާއި ބޯޑަރުތައް ބަންދުކުރަން ފަށައިފިއެވެ.
މި ގޮތުން ޕާކިސްތާނުން ވަނީ އީރާނާ ދެމެދު އޮންނަ އެންމެހާ ބޯޑަރުތައް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ.
ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސްގެ އިސްއޮފިޝަލެއް ކަމަށްވާ ގާދިރު ބަހްޝް ޕިރްކާނީ އޭއެފްޕީއަށް މައުލޫމާތު ދެއްވި ގޮތުގައި، 900 ކިލޯމީޓަރަށް ވުރެ ދިގު ބޯޑަރުގައި ހުރި ހުރިހާ ފެސިލިޓީތަކެއް ވަނީ ބަންދުކޮށްފައެވެ. އަދި އީރާނުން ވެސް ވަނީ އިޒްރޭލުގެ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި އެ ޤައުމުގެ އެއަރ ސްޕޭސް ބަންދުކޮށްފައެވެ.
މީގެއިތުރުން އިޒްރޭލުގެ ބެން ގޫރިއަން އިންޓަނޭޝަނަލް އެއަރޕޯޓް ވެސް ވަނީ ބަންދުކުރެވިފައެވެ. އިޒްރޭލުގެ ފްލެގް ކެރިއަރ އެލް އަލް އެއަރލައިންސްއިން ވަނީ ޖޫން 23 އާ ހަމައަށް ހުރިހާ ފްލައިޓްތަކެއް ހުއްޓާލާފައެވެ. ނަމަވެސް އިޒްރޭލާއި ޖޯޑަންއާ ދެމެދު ހުރި ތިން އެއްގަމު ބޯޑަރު ކްރޮސިންގް ދަނީ މަސައްކަތްކުރަމުންނެވެ.
ޖޯޑަނުން ވަނީ އިޒްރޭލުން އީރާނަށް ދިން ހަމަލާއަށްފަހު ދެވަނަ ފަހަރަށް އެ ޤައުމުގެ އެއަރ ސްޕޭސް ބަންދުކޮށްފައެވެ. އަދި ޖޯޑަނުގެ މިލިޓަރީން ވަނީ އެ ޤައުމުގެ އެއަރ ސްޕޭސްއަށް ވަދެފައިވާ ބެލިސްޓިކް މިސައިލްތަކެއް އިންޓަރސެޕްޓް ކޮށްފައިވާ ކަމަށް ބުނެފައެވެ.
މި ހާލަތާ ގުޅިގެން ގިނަ ޤައުމުތަކުން ދަނީ އެ ޤައުމުތަކުގެ ރައްޔިތުން ސަރަހައްދުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އިންޑިއާގެ އެމްބަސީން ވަނީ އީރާނުގައި ތިބި އިންޑިއާގެ ދަރިވަރުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ޕޮލެންޑުން ވަނީ އިޒްރޭލުގައި ތިބި 200 އެއްހާ ޕޮލިޝް ރައްޔިތުން ޖޯޑަން މެދުވެރިކޮށް އިވަކުއޭޓް ކުރުމަށް ރާވާފައެވެ.