ޚަބަރު
ޑިމޮކްރެޓްސް އުވާލުމަށްފަހު އެޕާޓީގެ ހުރިހާ މެމްބަރުން އެމްޑީޕީއާ ގުޅުމަށް ނިންމައިފި

ޑިމޮކްރެޓްސްގެ ޖަލްސާއެއްގެ ތެރެއިން
ޑިމޮކްރެޓްސް ޕާޓީ އުވާލައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އެހެން މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިއަދު ގަރާރެއް ފާސްކޮށްފިއެވެ. މި ނިންމުން ނިންމީ މިއަދު ބޭއްވުނު ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީގެ ނުރަސްމީ ބައްދަލުވުމުގައެވެ.
ފާސްކުރެވުނު ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށާއި، ރާއްޖޭގެ ކުރިމަގު ރަނގަޅުކުރުމަށާއި، ޖަވާބުދާރީވަނިވި ދައުލަތެއް ދެމެހެއްޓުމަށް އަދި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާމެދު ގެއްލެމުންދާ އިތުބާރު އަލުން ޤާއިމުކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި އެމްޑީޕީއާ ގުޅުމަށް އެ ޕާޓީން އިޤްރާރުވެފައިވެއެވެ.
މިއަދުގެ ބައްދަލުވުމުގައި 46 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު، އެމްޑީޕީއާ ގުޅުމާ ދެކޮޅަށް ވޯޓުދެއްވީ ހަ މެންބަރުންނެވެ.
ފާއިތުވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، އޭރުގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ނަޝީދާ ދެމެދު އުފެދުނު ސިޔާސީ ޚިލާފާ ގުޅިގެން އުފެއްދި ޑިމޮކްރެޓްސް ޕާޓީ އުވާލުމަށް މިއަދު ނިންމާފައިވަނީ، އިއްޔެ ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލާ ބައްދަލުކުރެއްވުމަށްފަހުގައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ނަޝީދު ފާޅުކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި، އެ މަނިކުފާނާއެކު ބޭއްވުނު ބައްދަލުވުމަށްފަހު ފައްޔާޟް ވިދާޅުވެފައިވަނީ، ސިޔާސީ މަޝްރަޙަށް އަންނަ ބަދަލުތަކާއި ކުރިއަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ.