ޚަބަރު
މާރކް ފައުންޑޭޝަންގެ އިފްތިތާޙީ ޖަލްސާގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވައިފި

ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު
މިއަދު ދުބާއީގައި ބޭއްވުނު މާރކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނީޝިއޭޓިވް ސަމިޓުގެ 8 ވަނަ އެޑިޝަންގެ އިފްތިތާޙީ ޖަލްސާގައި ގައި ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވާހަކަފުޅު ދައްކަވައިފިއެވެ.
ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، މާރކް ފައުންޑޭޝަނުން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ ގޮތުގައި 8 އަހަރު ފުރުމާއި، އަދި ޖުމްލަ ގޮތެއްގައި އިޖްތިމާޢީ ތަރައްޤީގެ އެކި ޕްރޮގްރާމްތައް ހިންގާތާ 13 އަހަރު ފުރުމުގެ މުނާސަބަތުގައި މާރކް ފައުންޑޭޝަނަށް މަރުޙަބާ ދެންނެވިއެވެ. އަދި "މޯރ ދެން އަ މަދަރ" ކެމްޕޭންގެ ސަފީރުކަމަށް ޢައްޔަންކުރި ކަމަށްޓަކައި މާރކް ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވެވިއެވެ.
ފަސްޓް ލޭޑީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޑޮކްޓަރުންނަށް ފަރޓިލިޓީ އަދި އެމްބްރިއޮލޮޖީ ދާއިރާއިން ތަމްރީނު ދިނުމަށް ސްކޮލަރޝިޕްތަކެއް ހަމަޖައްސައިދީފައިވާ ކަމަށްޓަކައި މާރކް ފައުންޑޭޝަނަށް ޝުކުރު އަދާކުރެވިއެވެ. މިއީ ރާއްޖޭގައި ފަންނީ މާހިރުން މަދު ދާއިރާއެއް ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަތްފޯރާފަށުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް ދިގު މުއްދަތުގެ ފަންނީ އެހީތެރިކަން ދެމެހެއްޓުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން، ކެންސަރު ސްކްރީނިންގ އާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި ޚިދުމަތްތައް ރަނގަޅުކުރުމުގެ މުހިންމުކަމާއި، ޞިއްޙީ ދާއިރާގައި އަންހެނުންގެ ލީޑަރޝިޕް އިތުރުކުރުމުގެ މުހިންމުކަންވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
ސަމިޓުގައި ބައިވެރިވި އެހެން ޤައުމުތަކުގެ ފަސްޓް ލޭޑީންނާ އެކަމަނާ ހިއްސާކުރެއްވި ގޮތުގައި، މާރކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ވަނީ ދަރިމައިވުމުގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވާ އިޖްތިމާޢީ ކަންތައްތަކާއި، ޖެންޑަރ ބޭސްޑް ވަޔަލެންސް، އަންހެނުން ބާރުވެރިކުރުވުން، އަދި ހަކުރުބަހި އަދި ލޭމައްޗަށް ދިއުން ފަދަ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގިފައެވެ.
ފަސްޓް ލޭޑީ އިތުރަށް ހާމަކުރެއްވި ގޮތުގައި، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި ވަނީ ޖެންޑަރ ހަމަހަމަކަމުގެ ސިޔާސަތުތަކެއް އެކުލަވާލެވިފައެވެ. މި ސިޔާސަތުތަކުގެ ދަށުން އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުންނަށް ޢަދުލު އިންސާފު ހޯދުމުގެ ފުރުސަތު އިތުރުކުރުމާއި، އަދި އަންހެނުންނަށް ކުރިމަތިވާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރެވެމުންދާ ކަމަށް ފާހަގަކުރެެއްވިއެވެ.