ދުނިޔެ
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ 144 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ޝަހީދެއްގެ ޢާއިލާއެއް ހިތާމަފާޅުކުރަނީ---
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ 144 މީހުން ޝަހީދުކޮށްލައިފައިވާކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
ފަލަސްޠީނުގެ ސިއްޙީ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 144 މީހަކު ޝަހީދުވެ، 560 މީހުން ޒަހަމްވެ ހޮސްޕިޓަލްތަކަށް ގެންދެވިފައިވެއެވެ. މީގެތެރޭގައި ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން ފެނުނު ހަތަރު ހަށިގަނޑުވެސް ހިމެނޭކަމަށް އެ ވުޒަރާއިން ބުނެފައިވެއެވެ.
އިޒްރާއީލުން ހަމާސްއާއެކު ހަމަލާތައް ހުއްޓާލުމަށްވެފައިވާ އެއްބަސްވުމާއި ޚިލާފުވެ މާރޗް މަހު ހަމަލާތައް ފެށިފަހުން މިހާތަނަށް މަދުވެގެން 5،334 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 17،800 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އިޒްރާއީލުން އަންނަނީ އަނެއްކާވެސް ބައިނަލްއަޤްވާމީ އަދި އދ.ގެ ޖަމިއްޔާތަކަށް ހޮސްޕިޓަލްތަކަށާއި ކަނޑައެޅިފައިވާ ތެޔޮ ރައްކާކުރާ ތަންތަނަށް ވަދެވެން އޮތް މަގުތަކަށް ހުރަސްއަޅަމުންނެވެ. އެ ސަރަހައްދުތަކަކީ ރަތް ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކެކެވެ.
ޞިއްޙީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި މިވަގުތު ހޮސްޕިޓަލްތަކުގައި ހުރި ތެލުގެ ސްޓޮކް ބޭނުންކުރެވޭނީ އެންމެ ތިން ދުވަހަށެވެ. މިކަމަކީ ޣައްޒާގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ގޮންޖެހުމެކެވެ.
ޣައްޒާގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމައުން މިކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލަމުންދެއެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް އިޒްރާއީލަށް ބާރުއަޅަމުންދެއެވެ.