ދުނިޔެ

އެހީ ހޯދަން ގޮސްތިބި މީހުން ހިމެނޭހެން ޣައްޒާގެ 75 މީހުން ޝަހީދުކޮށްލައިފި

އެހީ ހޯދަން ގޮސްތިބި މީހުން ހިމެނޭހެން ޣައްޒާގެ 75 މީހުން ޝަހީދުކޮށްލައިފި

ފަލަސްޠީނުގެ ޝަހީދުންތަކެއް މައްޗަށް ކަށުނަމާދު ކުރަނީ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖޫން 2025، 07:42

19 ޖޫން 2025، 07:42

ބުރާސްފަތި ދުވަހު ޣައްޒާގައި އިޒްރާއިލް ސިފައިން ހިންގި އަނިޔާވެރި ޙަމަލާތަކުގައި ފަލަސްޠީނުގެ 75 މީހަކު ޝަހީދުވެއްޖެކަމަށް ރިޕޯޓުކޮށްފިއެވެ.

ސިއްޙީ ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މީގެ ތެރެއިން 53 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީ އާއި އުތުރު ސަރަޙައްދެއްގައެވެ.

ސިއްޙީ ފަރާތްތަކުން އިތުރަށް ހާމަކުރި ގޮތުގައި، ޝަހީދުވި 22 މީހުންނަކީ އިންސާނީ އެހީ ލިބިގަތުމަށް އިންތިޒާރު ކުރަމުންދިޔަ މީހުންނެވެ. އަލް-އައުދާ އަދި ޝުހަދާ އަލް-އަޤްޞާ ހޮސްޕިޓަލްތަކަށް 16 ޝަހީދުންގެ ހަށިގަނޑާއި ޒަޚަމްވެފައިވާ އެތައް ބައެއްވެސް ގެންދެވުނެވެ. މި ހާދިސާ ހިނގާފައިވަނީ ނަތްސަރިމް ސަރަޙައްދުގައި ހުރި އެހީ ބެހުމުގެ މަރުކަޒެއްގެ ކައިރީގައެވެ.

މަންޒަރު ލޮލުން ދުށް މީހުންގެ ބަހުން އެނގޭ ގޮތުގައި، ނަތްސަރިމް ސަރަޙައްދުގައި މަޑުކޮށްގެން ތިބި އިޒްރޭލު ސިފައިން، އެމެރިކާގެ އެހީ ބެހުމުގެ މަރުކަޒު ހުޅުވުމަށް އިންތިޒާރު ކުރަމުންދިޔަ ސަތޭކަ އެތައް ޒުވާނުންނަށް ވަނީ ބަޑީގެ ޙަމަލާ ދީފައެވެ. އަދި އިޒްރޭލުގެ ޑްރޯންތަކުން ބޮންތައް އެއްލައި، އެތައް ބަޔަކު ޝަހީދުކޮށް އަނިޔާކޮށްފައިވެއެވެ.

ޝަހީދުންނާއި ޒަޚަމްވެފައިވާ މީހުން އެތައް ގަޑިއިރެއް ވަންދެން ބިމުގައި އޮންނަން ޖެހުނެވެ. އެމްބިއުލާންސް ޚިދުމަތްތަކަށް އެ ސަރަޙައްދަށް ވަދެވުނީ ގިނަ ވަގުތުތަކެއް ފަހުންކަމަށާއި، އެއީ ސަރަޙައްދުގެ ނުރައްކާތެރިކަމާއި ހަމަލާތައް ދެމުންދިޔަ މިންވަރުގެ ސަބަބުންކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، ޣައްޒާ ސިޓީގެ އައް-ޒައިތޫން ސަރަޙައްދުގައި އިޒްރޭލުން ބޮމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން ފަލަސްޠީނުގެ 5 މީހަކު ޝަހީދުވެފައިވެއެވެ. އަދި އަލް-ޝިފާ ހޮސްޕިޓަލަށް 15 ޝަހީދުންގެ ހަށިގަނޑާއި ޒަޚަމްވެފައިވާ އެތައް ބައެއްގެ ހަށިތައް ގެންދެވުނެވެ. މި ހާދިސާ ހިނގީ އައް-ޝާޠިއު ކޭމްޕާއި އަލް-ޖަލާ މަގުގައި އިޒްރޭލުން ދިން ޙަމަލާތަކުގައެވެ.

އިޒްރޭލުން މެއި 7 ވަނަ ދުވަހުން ފެށިގެން "ޣައްޒާ ހިއުމެނިޓޭރިއަން" މެދުވެރިކޮށް އެހީ ބެހުމުގެ ޕްރޮގްރާމެއް ފަށާފައިވެއެވެ. ނަމަވެސް މިއީ އދ އާއި ބައިނަލްއަޤްވާމީ އެހީގެ ޖަމްޢިއްޔާތަކުގެ ބެލުމުގެ ދަށުން ހިންގާ ޕްރޮގްރާމެއް ނޫނެވެ. މި ޕްރޮގްރާމް ފެށުނީއްސުރެ 300 ފަލަސްޠީނު މީހުން ޝަހީދުވެ، 2,649 މީހުން ޒަޚަމްވެ، 9 މީހުން ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS