ދުނިޔެ
އިޒްރާއިލުން ބޭރުވި މީހުން އަނބުރާ ގެނައުމަށް ފްލައިޓްތައް ފެށުމަށް ނިންމައިފި

ބެން ގޫރިއަން އެއަރޕޯޓު
އިޒްރާއިލާއި އީރާން އާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް އިޒްރާއިލުން ބޭރުވިމީހުން އަނބުރާ ގެނައުމަށް އިންޓަރނޭޝަނަލް ފްލައިޓްތައް އަލުން ފެށުމަށް އިޒްރާއިލުން ނިންމައިފިއެވެ.
ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައިވާ ބެން ގޫރިއަން އިންޓަނޭޝަނަލް އެއަރޕޯޓް މިއަދު މެންދުރު 2:00 ގައި އަލުން ހުޅުވުމަށް އިޒްރާއިލުން ވަނީ ނިންމައިފައެވެ.
މި ނިންމުން ނިންމާފައިވަނީ އީރާނުން އިޒްރާއިލަށް މިސައިލް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން މި ހަމަލާތައް ދެމުންދަނީ އިޒްރޭލުން ވޭތުވެދިޔަ 10 ދުވަހު އީރާނަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މި ހަނގުރާމައިގެ ތެރޭގައި ގިނަ ޤައުމުތަކުން ވަނީ އެ ޤައުމުތަކުގެ ރައްޔިތުން އިޒްރާއިލާއި އީރާނުން އަވަސް އަވަހަށް ފުރުވަން ފަށާފައެވެ.
އިޒްރޭލުގެ ނޫސް ކަމަށްވާ "ހާރެޓްޒް" އިން ފާހަގަކުރި ގޮތުގައި ހަނގުރާމައިގެ ތެރޭގައި ކޮންމެ ދުވަހަކު ސަތޭކަ އަކަށް އިޒްރާއިލް މީހުންނާއި ބިދޭސީން ޔޮޓް މެދުވެރިކޮށް ސައިޕްރަސްއަށް ފުރަމުންދެއެވެ.
އެނޫހުން ހަރްޒިލިޔާ ބަނދަރުގައި ތިބި ބައެއް މީހުންނާ ބައްދަލުކޮށް، ފޭސްބުކްގެ ގްރޫޕްތަކުގައި ކަނޑު މަގުން އިޒްރާއިލުން ފުރަން ބޭނުންވާ ސަތޭކަ އެތައް ބަޔަކު ތިބިކަން ފާހަގަކޮށްފައިވެއެވެ.
ހަނގުރާމަ ފެށުނީއްސުރެ އިޒްރާއިލުން ވަނީ އެ ޤައުމުގެ އެއަރ ސްޕޭސް ބަންދުކޮށް، އެތައް ސިވިލް މަތިންދާބޯޓުތަކެއް ސިއްރިއްޔާތުގައި ބޭރަށް ގެންގޮސްފައެވެ. މީގެ ސަބަބުން އެތައް މިލިއަން ބަޔަކު ވަނީ އީރާނުގެ މިސައިލް ހަމަލާތަކުގައި ޖެހި، ގިނަ އަދަދެއްގެ މީހުން މަރުވެ، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ.
އިޒްރާއިލުން ވަނީ ޖޫން 13 އިން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށާއި، މިސައިލް ބޭސްތަކަށް އަދި އަސްކަރީ އިސްވެރިންނާއި ނިއުކްލިއަރ ސައިންޓިސްޓުންނަށް ހަމަލާދީފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ސީދާ ހަމަލާތަކެވެ.
މީގެއިތުރުން ރޭ އެމެރިކާއިންވެސް އީރާނަށް ވަރުގަދަ ތިން ހަމަލާއެއްދީފައެވެ. ބެލެވޭ ގޮތުގައި އިޒްރާއިލުން ޤައުމުން ބޭރުވިމީހުން އަނބުރާ ގެނައުމަށް އެއަރޕޯޓު ހުޅުވާލުމަށް މިނިންމީ ހަނގުރާމައަށް އެމެރިކާވަދެ އިނގިރޭސި ވިލާތުންވެސް އެމެރިކާގެ ހަމަލާތަކަށް މަރުޙަބާ ކިޔުމާއި ގުޅިގެނެވެ.
މީގެ ކުރިން މިހަނގުރާމައިގައި އެމެރިކާއިން އިޒްރާއިލަށް ވާގިވެރިވަމުން ދިޔައީ ސިއްރުންނެވެ. ނަމަވެސް ރޭގެ ހަމަލާއާއިއެކު އެމެރިކާއިން ފާޅުގައި މިހަނގުރާމަ ތެރެއަށް މިވަނީ ވަދެފައެވެ. މިއާއި އެކު މަސްރަހު އިތުރަށް ހޫނުވާނެ ކަމަށް ބެލެވެއެވެ.