ޚަބަރު
ވޭޕް މަނާކުރުމަށް ތަންފީޒުކުރަން ބޭނުންވާ ޤާނޫނީ އިސްލާޙުތައް މިހަފްތާގައި މަޖިލީހަށް ހުށަހަޅަނީ!
ބަންޑާރަ ނައިބު އަޙްމަދު އުޝާމް. ފޮޓޯ:ރައީސް އޮފީސް
ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ތަންފީޒުކުރަން ބޭނުންވާ ޤާނޫނީ އިސްލާޙުތައް މިހަފްތާގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެންބަރު 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން 15 ޑިސެންބަރު 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފައިވާ ކަމަށް ރައީސް ވިދާޅުވުމުން އެކަމަށް މަރުޙަބާ ވިދާޅުވެފައިވެއެވެ.
“އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގަ ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވަން” ބަންޑާރަނައިބު އުޝާމް ވިދާޅުުވެފައިވެއެވެ.
މީގެއިތުރުން އުޝާމް ވިދާޅުވެފައިވަނީ ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤަނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި ކަމަށް އުޝާމް ވިދާޅުވެފައިވެއެވެ.