ދުނިޔެ
އިޒްރާއިލްގެ ހަމަލާތަކުގައި މިހާތަަނަށް އީރާނުގެ 600 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެ

އީރާނުގެ ރައްޔިތުންތަކެއް ސަރުކާރާއި އެކު ތިބިކަން ދައްކަުވައިދިނުމަށް ބޭއްވި އެއްވުމެއްގެ ތެރެއިން
އިޒްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް އީރަނުގެ 600 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެމެރިކާގެ އިންސާނީ ހަައްޤުތަކާއިބެހޭ ޖަމިއްޔާއަކުން ބުނެފިއެވެ.
އެމެރިކާގައި ހިންގާ އިންސާނީ ހައްގުތަކުގެ ޖަމިއްޔާއަކުން ހާމަކުރި ގޮތުގައި އިޒްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި މަދުވެގެން 657 މީހުން ޝަހީދުވެފައިވެއެވެ. އަދި މީގެ ތެރޭގައި އާންމު ރައްޔިތުންނާއި އަސްކަރިއްޔާގެ އިސްބޭފުޅުންވެސް ހިމެނެއެވެ.
ހިއުމަން ރައިޓްސް އެކްޓިވިސްޓް ނިއުސް އެޖެންސީ (ހްރާނާ) އިން ބުނާ ގޮތުގައި ޖޫން 13 ވަނަ ދުވަހު އިޒްރާއީލުން ހަމަލާ ދޭން ފެށި ފަހުން މަދުވެގެން 263 އާންމު ރައްޔިތުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 20 ކުޑަކުދިން ހިމެނެއެވެ. އަދި 164 ސެކިއުރިޓީ އޮފިޝަލުންވެސް ޝަހީދުވެފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި އިތުރު 230 ޝަހީދުންނަކީ އާންމު ރައްޔިތުންތޯ ނުވަތަ އަސްކަރީ ބޭފުޅުންތޯ ދެނެގަނެވިފައި ނުވާ ކަމަށް އެ އެޖެންސީން ބުނެއެވެ.
ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް 2000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި އިޒްރާއީލުގެ ހަމަލާތައް އީރާނުގެ 31 ސަރަހައްދުގެ ތެރެއިން 21 ސަރަހައްދަކަށް އަމާޒުވެފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.
އިޒްރާއީލުން ބުނާ ގޮތުގައި އެ ގައުމުން މި ހަމަލާތައް ދެނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށެވެ. ނަމަވެސް އީރާނުން ބުނަނީ އެ ގައުމުން ނިއުކްލިއަރ ހަތިޔާރު އުފައްދާކަށް ނޫޅެއެވެ. އަދި މަދަނީ ބޭނުންތަކަށް ނިއުކްލިއަރ ޕްރޮގްރާމެއް ހިންގުމުގެ ހައްގު އެ ގައުމަށް އޮތް ކަމަށެވެ.
އީރާނުގެ ސަރުކާރުން މިއަދު އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި އިޒްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 224 މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި އަސްކަރީ އިސް ވެރިންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި އާންމު ރައްޔިތުން ހިމެނެއެވެ. އަދި މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދިން ހަމަލާތަކުގައި އިޒްރާއީލުގެ މަދުވެގެން 25 މީހުން މަރުވެ، ސަތޭކަ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އިޒްރާއީލުގެ ފަރާތްތަކުން ބުނެއެވެ.
އިޒްރާއިލްގެ ސަރުކާރުން އިޒްރާއިލްގެ ސަރަހައްދުތަކަށް އީރާނުގެ ހަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުމާއި ހަމަލާތަކުގައި މަރުވާ މީހުންގެ ޢަދަދު ސިއްރުކުރުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ހާމަވެފައެވެ. އިޒްރާއިލްގެ ސަރުކާރުން ވަނީ ގެއްލުންތަކުގެ ފޮޓޯތައް ސޯޝަލްމީޑިއާގައި ހިއްސާކުރުންވެސް އާންމުނަށް ވަނީ މަނާކޮށްފައެވެ.