ދުނިޔެ
އީރާނާއި އިޒްރާއިލުން ހަނގުރާމަ ހުއްޓާލިކަން އިޢުލާނުކޮށްފި

މިއަދު އީރާނުން ދިން ހަމަލާތަކަށްފަހު އިޒްރާއިލް
އިޒްރާއިލާއި އީރާނުން ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމަށް ދެޤައުމުން އެއްބަސްވެއްޖެއެވެ.
12 ދުވަހަށް ކުރިއަށް ދިޔަ ހަނގުރާމަގައި ދެފަރާތުންވެސް މީހުން މަރުވެ އަދި ޒަޚަމްވެ ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ.
ދެޤައުމުން ހަނގުރާމަ ހުއްޓާލިކަމަށް އިޢުލާނުކުރުމުގެ ކުރިން މިއަދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެކަން ހަނގުރާމަ ނިމުމަކަށް އައިކަން އިޢުލާނުކޮށްފައެވެ. ނަމަވެސް ޓްރަމްޕްގެ މިއިޢުލާނަަށްފަހުވެސް އީރާނުން މިއަދު އިޒްރާއިލަށް ގިނަ ހަމަލާތަކެއް ދީފައިވެއެވެ.
ސީސްފަޔަރ އާއިމެދު ތެެހެރާން ޔުނިވަރސިޓީގެ ވޯލްޑް ސްޓަޑީސް ޑިޕާޓްމަންޓްގެ ޕްރޮފެސަރ ފުއާދު އިޒާދީ ވިދާޅުވީ އިޒްރާއިލުން ބޭނުންވަނީ ލުބްނާންއާއެކު ކުރި ތަޖުރިބާ އީރާނާއެކުވެސް ތަކުރާރުކުރުމަށް ކަމަށެވެ.
ހަނގުރާމަ ހުއްޓާލިކަމަށް ބުނެ، ބޭނުން ވަގުތެއްގައި ހަމަލާދީ، ބޭނުން ބަޔަކު މެރުމުގެ ފުރުސަތު ހޯދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އީރާނުގެ ބެލިސްޓިކް މިސައިލްތައް ވަނީ ފުރިހަމައަށް މަސައްކަތްކުރާ ހާލަތުގައި. އަދި މިއަދު ހެނދުނުވެސް އަޅުގަނޑުމެން މިސައިލް ދޫކޮށްފައިވާނެ. އެހެންކަމުން އީރާނަށް ހަމަލާދިނުމަކީ ސްޓްރެޓެޖިކް ގޯހެއްކަން އިޒްރާއިލަށް އެނގޭނެކަމަށް އީރާނުން އުންމީދުކުރޭ،" އިޒާދީ ވިދާޅުވިއެވެ.
އިޒްރާއިލްގެ ޔިސްރާއެލް ބެއިޓެއިނޫ ޕާޓީގެ އެވިގްޑޯ ލީބަރމަން ވަނީ އީރާން ފުރިހަމައަށް ބަލިވުމުގެ ކުރިން ހަނގުރާމަ ހުއްޓާލުމަކީ ގޯހެއް ކަމަށް ބުނެފައެވެ. "ޒަޚަމްވެފައިވާ ސިންގާއެއް ދޫކޮށްލުމަށްވުރެ ނުރައްކާތެރި އެހެން ކަމެއް ނެތް.މިކަމުގެ ސަބަބުން 2-3 އަހަރުތެރޭގައި މިއަށްވުރެ ގޯސް ހާލަތެއްގައި އަނެއްކާވެސް ހަނގުރާމައަކަށް ދާން ޖެހޭނެ" ކަމަށް އޭނާ ބުނެފައިވެއެވެ.
އެވިގްޑޯ ލިބަރމެންއަކީ ބެންޖަމިން ނެތަންޔާހޫގެ ވެރިކަމަށް ދެކޮޅުހަދާ އިދިކޮޅު ޕާޓީގެ މެމްބަރެކެވެ. އަދި އިޒްރާއިލްގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރެކެވެ.