ޚަބަރު
ދުންފަތުގެ އުފެއްދުންތަކުގެ އިމްޕޯޓު ޑިއުޓީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ދުންފަތުގެ އިސްތިޢުމާލުކުރުމުން ވަނީ ގެއްލުން
ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު މަދުކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީ ދެގުނައަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. މި ނިންމެވުން އާންމުކުރެއްވީ އެ މަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގައި، އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރު 24 ގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް އިތުރުކުރުމާއި، މި އުފެއްދުންތަކުން ނެގޭ އެޑްވެލޮރަމް ރޭޓް 50 އިންސައްތަ އިތުރުކުރުން ހިމެނެއެވެ. މި ބަދަލުތައް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތަންފީޛުކުރުމަށްޓަކައި، ޤާނޫނަށް އިޞްލާޙު ގެނައުމަށް މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
<blockquote class="twitter-tweet"><p lang="dv" dir="rtl">ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައި:<br><br>ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް ރޭޓް ތިރީގައިވާ ގޮތަށް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު…</p>— Dr Mohamed Muizzu (@MMuizzu) <a href="https://twitter.com/MMuizzu/status/1846060931379614132?ref_src=twsrc%5Etfw">October 15, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
މީގެ އިތުރުން، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޛީ އިދާރާތަކުގެ ދައުރު ހަރުދަނާކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށާއި، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދަ ދޫކޮށްލުމަށް އެދޭ ފަރާތްތަކަށް އެހީތެރިވުމަށް ޤައުމީ ފެންވަރުގައި، ސައިންޓިފިކް ހަމަތަކުގެ މަތިން ފަރުމާކުރެވޭ ބޮޑު ކެމްޕޭނެއް ފެށުމަށްވެސް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވީ، ދުންފަތުގެ އިސްތިޢުމާލުން މިނިވަންވެފައިވާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި ނިންމެވުމަކީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު މަދުކުރުމަށް އެޅޭ އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ބެލެވެއެވެ. މި ބަދަލުތަކުގެ ސަބަބުން ދުންފަތުގެ އުފެއްދުންތަކުގެ އަގު މަތިވުމާއެކު، އޭގެ ބޭނުންކުރުން މަދުވެ، ރައްޔިތުންގެ ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވާނެ ކަމަށް ބެލެވެއެވެ.