ދުނިޔެ
އިޒްރާއިލުން ޣައްްޒާއަށް ދެމުންދާ ހަމަލާތައްވެސް ހުއްޓާލުމަށް އިޒްރާއިލްގެ އިދިކޮޅު ފަރާތްތަކުން ގޮވާލައިފި

އިޒްރާއިލްގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް
އީރާނާއެކު ބަދަލު ކުރި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިފަދައިން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އިޒްރާއީލުގެ އިދިކޮޅު ފަރާތްތަކުން ގޮވާލައިފިއެވެ.
މިގޮތުން ސެންޓަރ-ލެފްޓް ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު ޔައިރް ގޮލަން ވަނީ މިކަމަށް އިޒްރާއިލްގެ ސަރުކާރަށް ގޮވާލައިފައެވެ.
ޣައްޒާގައި ހިފަހައްޓާފައި ތިބި އިޒްރާއީލީ ރަހީނުންގެ އާއިލާތަކުން ބުނެފައިވަނީ، އީރާނާއެކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވުނު ފަދައިން، ޣައްޒާގައިވެސް ހަނގުރާމަ ހުއްޓާލެވިދާނެ ކަމަށެވެ.
"އީރާނާއެކު ހަނގުރާމަ ހުއްޓާލެވުނު ނަމަ، ޣައްޒާގައިވެސް ހަނގުރާމަ ހުއްޓާލެވިދާނެ. ހުރިހާ ރަހީނުން ދޫކޮށްލުމަށް މަގުފަހިވާނެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ގޮވާލަން،" ރަހީނުންގެ އާއިލާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"އީރާނުގައި ކާމިޔާބު އޮޕަރޭޝަނެއް ހިންގުމަށްފަހު، އިޒްރާއީލުން އަނެއްކާވެސް ޣައްޒާގެ ވަޅުގަނޑަށް ވެއްޓުމަކީ ވިސްނުންތެރި ކަމެއް ނޫން. މިއީ އިޒްރާއީލުގެ އެއްވެސް މަސްލަހަތަކާ ގުޅޭ ކަމެއް ނޫން،" ޔައިރް ގޮލަން ވަނީ އެކްސްގައި ޕޯސްޓްކޮށްފައިވާ މެސެޖެއްގައި ބުނެފައެވެ.
އިޒްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑްވެސް ވަނީ މިފަދަ ގޮވާލުމެއް ކޮށްފައެވެ. "މިހާރު މިއީ ޣައްޒާގެ ވަގުތު. ރަހީނުން ދޫކޮށްލާ، ހަނގުރާމަ ނިންމާލަން ޖެހޭ. އިޒްރާއީލުން އަލުން އާރާސްތުވާން ފަށަން ޖެހޭ،" ލަޕިޑް ވަނީ ބުނެފައެވެ.
ރަހީނުންގެ އާއިލާތަކުން އިތުރަށް ބުނެފައިވަނީ، އީރާނުގައި ހިންގި އޮޕަރޭޝަނުގެ ފަހުން ރަހީނުން ދޫކޮށްލުމަށް މަސައްކަތް ނުކުރުމަކީ ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ތާރީޚީ ފުރުސަތެއް ކަމަށާއި، މި ފުރުސަތުގެ ބޭނުން ހިފުމަކީ އިސްރާއީލު ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.