ދުނިޔެ
ލުބްނާންގެ ދެކުނުގައި ދުއްވާފައިދިޔަ ކާރަކަށް އިޒްރާއިލުން ހަަމަލާދީ 3 މީހުން ޝަހީދުކޮށްލައިފި

ޑްރޯން ހަމަލާއެރި ކާރުގައި ރޯވެފައި
ލުބްނާންގެ ދެކުނުގައި ދުއްވަމުންދިޔަ ކާރަކަށް އިޒްރާއިލުން ޑްރޯން ހަމަލާއެއްދީ 3 މީހުން ޝަހީދުކޮށްލައިފައިވާކަަމަށް
ލުބްނާންގެ ޙެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެމިނިސްޓްރީގެ ޕަބްލިކް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އިޒްރާއީލުގެ މި ހަމަލާ އަމާޒުވެފައިވަނީ ނަބަތިއްޔާ ސަރަހައްދުގެ ކަފަރްދަޖާލް ރަށުގައި ދުއްވަމުންދިޔަ ކާރަކަށް ކަމަށެވެ.
ލުބްނާންގެ ނޭޝަނަލް ނިއުސް އެޖެންސީން ބުނާ ގޮތުގައި، ޑްރޯނުން ދެ މިސައިލް ދޫކޮށްލުމުން ކާރު އަނދައިގެން ގޮސް، އޭގައި ތިބި މީހުން ވަނީ ޝަހީދުވެފައެވެ.
މި ހާދިސާ ހިނގުމާއެކު، ސަލާމަތީ އަދި އިމަޖެންސީ ޚިދުމަތްތަކުގެ އެކި ފަރާތްތައް ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.
އެއެޖެންސީން އިތުރަށް ފާހަގަކުރި ގޮތުގައި، މިއަދު ހެނދުނުން ފެށިގެން ނަބަތިއްޔާގެ މަތީގައި އިޒްރާއީލުގެ ޑްރޯންތައް ދަނީ ދަތުރުކުރަމުންނެވެ.
ފާއިތުވި އަހަރުގެ ނޮވެމްބަރު 27 ގައި ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށްފަހު، އިޒްރާއީލުން ވަނީ 3،000 އަށްވުރެ ގިނަ ފަހަރު އެ އެއްބަސްވުމާއި ޚިލާފުވެފައެވެ. މީގެ ސަބަބުން މަދުވެގެން 209 މީހުން ޝަހީދުވެ، 504 މީހުންނަށް ވަނީ އަނިޔާވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 ވަނަ ދުވަހު އިޒްރާއީލުން ލެބަނޮނަށް ދިން ހަމަލާތައް 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 ގައި ފުޅާ ހަނގުރާމައަކަށް ބަދަލުވެގެން ދިޔައެވެ. މި ހަނގުރާމައިގެ ސަބަބުން 4،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 17،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެ، އަދި 1.4 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ.