ދުނިޔެ

އިޒްރާއީލުގެ ޢަސްކަރިއްޔާއިން ހަތިޔާރުގެ ސްޓޮކް މަދުވަމުންދާކަމަށް އެމެރިކާއިން ބުނެފި

އިޒްރާއީލުގެ ޢަސްކަރިއްޔާއިން ހަތިޔާރުގެ ސްޓޮކް މަދުވަމުންދާކަމަށް އެމެރިކާއިން ބުނެފި

އިޒްރާއިލްގެ ސިފައިންގެ މީހެއް ބައެއް ހަތިޔާރާއެކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ޖޫން 2025، 12:02

25 ޖޫން 2025، 12:02

އިޒްރާއީލުގެ ޢަސްކަރިއްޔާއިން މައިގަނޑު ހަތިޔާރުތަކާއި ވަކިން ހާއްސަކޮށް ހަނގުރާމަވެރި ހަތިޔާރުތަކުގެ ސްޓޮކް މަދުވަމުންދާކަމަށް އެމެރިކާގެ އިސްވެރިން ބުނެފިއެވެ. 

މިކަން އެންބީސީ ނިއުސްއިން ވަނީ އެމެރިކާގެ ތިން އޮފިޝަލުންނާއި ހަވާލާ ދީ ރިޕޯޓުކޮށްފައެވެ.

އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންކުރަން ޖެހުމާ ގުޅިގެން، އިޒްރާއީލުގެ ހަތިޔާރުގެ ސްޓޮކް ވަނީ ދަށްވެފައެވެ. މިކަން މިހެން ދިމާވެފައިވަނީ ހަމަނުޖެހުން ހުއްޓުވުމަށް އެއްބަސްވުމަކަށް އާދެވުނު ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ނޭވީގެ އެކްޓިންގ ޗީފް އޮފް ނޭވަލް އޮޕަރޭޝަންސް، ޖޭމްސް ކިލްބީ ވަނީ ސެނެޓަށް ދިން ބަޔާނެއްގައި، އިޒްރާއީލް ދިފާއުކުރުމަށް ބޭނުންވާ މިސައިލްތައް އެމެރިކާގެ ނޭވީގައި ހުރި ނަމަވެސް، އެ މިސައިލްތައް ބޭނުންކުރެވެމުންދަނީ "ނުރައްކާތެރި މިންވަރަކަށް" ކަމަށް ފާހަގަކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ބޭނުންވާ ހަތިޔާރާއި ވަޒަން އިޒްރާއީލަށް ލިބެމުންދަނީ އެމެރިކާގެ އެހީތެރިކަމާއެކުގައެވެ. އިޒްރާއީލުގެ ޑިފެންސް މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ އެމެރިކާގެ އެއަރ ބްރިޖް މެދުވެރިކޮށް 800 ވަނަ ދަތުރު ވެސް ވަނީ ނިންމާފައެވެ.

މިހާތަނަށް 800 ވައިގެ ދަތުރާއި 140 ކަނޑު ދަތުރު މެދުވެރިކޮށް 90،000 ޓަނުގެ އަސްކަރީ އާލާތްތައް އިޒްރާއީލަށް ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ހަތިޔާރާއި، ހަނގުރާމަވެރި އުޅަނދުތަކާއި، ރައްކާތެރިކަމުގެ ސާމާނާއި، މެޑިކަލް ސާމާނު ހިމެނެއެވެ.

 އީރާނާ ދެކޮޅަށް ކުރި ފަހުގެ ހަނގުރާމައިގައި ބެލިސްޓިކް މިސައިލްތައް ހުއްޓުވުމަށް ބޭނުންކުރާ އެރޯ ޑިފެންސް ސިސްޓަމްގެ ވަޒަންތައް ބޮޑު އަދަދަކަށް ބޭނުންކުރަން ޖެހުމުން އިޒްރާއީލުގެ ހަތިޔާރުގެ ސްޓޮކަށް ވަނީ ބޮޑު ބުރޫއެއް އަރާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS