ދުނިޔެ
ނެތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތައް ހުއްޓާލުމަށް ޓްރަމްޕް ގޮވާލައިފި

ޑޮނާލްޑް ޓްރަމްޕް އަދި ބެންޖަމިން ނެތަންޔާހޫ
ހުލާސާ
އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ މައްޗަށް ކުރިއަށްދާ ކޮރަޕްޝަން މައްސަލަ ހުއްޓާލުމަށް ނުވަތަ އޭނާއަށް މަޢާފު ދިނުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފިއެވެ.
މި މައްސަލައަކީ "ވިޗް-ހަންޓެއް" ކަމަށް ބުނެ ޓްރަމްޕް ވަނީ ފާޑުކިޔާފައެވެ.
2019 ވަނަ އަހަރު ނެތަންޔާހޫގެ މައްޗަށް ރިޝްވަތު، ފްރޯޑް އަދި އިތުބާރު ގެއްލޭފަދަ ޢަމަލުތަކުގެ ދަޢުވާ އުފުލި، 2020 ވަނަ އަހަރު ފެށުނު މި މައްސަލައިގައި ތިން ޖިނާއީ ކޭސް ހިމެނެއެވެ.
ނެތަންޔާހޫ ވަނީ މި ހުރިހާ ދަޢުވާތަކެއް ދޮގުކޮށް، ކުށެއް ނުކުރާކަމަށް ބުނެފައެވެ.
"ނެތަންޔާހޫގެ މައްސަލަ ވަގުތުން ހުއްޓާލަންވާނެ، ނުވަތަ އިޒްރާއީލަށް އެހާ ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މި މަތިވެރި ބަޠަލަށް މަޢާފު ދޭންވާނެ،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ލިޔުއްވިއެވެ.
އިޒްރާއީލްގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ނެތަންޔާހޫގެ ކްރޮސް-އެގްޒެމިނޭޝަން ޖޫން 3 ގައި ޓެލް އަވީވް ކޯޓެއްގައި ފެށި، މި މަރުހަލާ ނިންމުމަށް އަހަރެއްހާ ދުވަސް ނަގާނެކަމަށް ލަފާކުރެވެއެވެ. އިޒްރާއީލުގެ ރައީސް އިސްހާކް ހަރޒޯގް އަށް ނެތަންޔާހޫއަށް މަޢާފު ދިނުމުގެ ބާރު ލިބިފައިވީ ނަމަވެސް، މިވަގުތު އެފަދަ މަޢާފެއް ދިނުމަކީ ވިސްނާފައިވާ ކަމެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް އިރާނާ ދެކޮޅަށް އިޒްރާއީލުން ހިންގި ހަމަލާތަކާ ގުޅިގެން އިއްޔެ ޓްރަމްޕް ވަނީ ނެތަންޔާހޫއަށް ފާޑުކިޔާފައެވެ.
"އަހަރެމެން އެއްބަސްވުމަކަށް އައުމާއެކު، އިޒްރާއީލުން އެހާ ބޮޑު ހަމަލާއެއް އެ ދިނީ، އަހަރެން މިހާތަނަށް ދެކިފައިނުވާވަރުގެ ބޮޑު ހަމަލާއެއް. އަހަރެން އިޒްރާއިލާއިމެދު ވަރަށް ހިތްހަަމަނުޖެހިއްޖެ،" ޓްރަމްޕް ނޫސްވެރިންނަށް ބުނެފައިވެއެވެ.