ދުނިޔެ

ތުރުކީން "ސްޓީލް ޑޯމް" ދިފާޢީ ނިޒާމް ތައާރަފުކޮށްފި: ގިނަ ފަށަލަތަކެއް އެކުލެވޭ ތުރުކީގެ އުފެއްދުމެއް

ތުރުކީން "ސްޓީލް ޑޯމް" ދިފާޢީ ނިޒާމް ތައާރަފުކޮށްފި: ގިނަ ފަށަލަތަކެއް އެކުލެވޭ ތުރުކީގެ އުފެއްދުމެއް

ތުރުކީގެ ސްޓީލް ޑޯމްއާ ގުޅޭ ކުރެހުމެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 01:14

30 ޖޫން 2025، 01:14

ތުރުކީން، އެ ޤައުމުގެ އެތެރޭގައި ތަރައްގީކުރި، ގިނަ ފަށަލަތަކަކުން އެކުލެވޭ ވައިގެ ދިފާއީ ނިޒާމެއް ކަމަށްވާ "ސްޓީލް ޑޯމް" ތައާރަފުކޮށްފިއެވެ. މި ނިޒާމަކީ އެތައް ބަޔަކު ގުޅިގެން މަސައްކަތްކުރާ ކޮމްޕޯނެންޓްތަކެއް އެކުލެވޭ، ރައްކާތެރިކަމުގެ އެކި ފަށަލަތައް ގުޅުވައިލާނެ ނިޒާމެކެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މި މަޝްރޫޢާ ބެހޭ ގޮތުން ނޭޓޯ ސަމިޓަށް ފަހު ހޭގުން އެނބުރި ވަޑައިގަންނަވަމުން ނޫސްވެރިންނާ ވާހަކަ ދައްކަވާފައިވެއެވެ. ރައީސް އުރުދުޣާން ވިދާޅުވީ، ސްޓީލް ޑޯމް އަކީ އެންމެ ނިޒާމެއް ނޫން ކަމަށާއި، އެއީ ގިނަ ދިފާއީ ފަށަލަތަކެއް އެކުލެވޭ ކަލެކްޝަނެއް ކަމަށެވެ.

މިއީ މިސައިލްގެ ހަމަލާތަކުން އެންމެ ފުރިހަމައަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިސްރާއީލާއި އީރާނާ ދެމެދު ހިނގާފައިވާ ކުރިމަތިލުންތަކަށް އިޝާރާތް ކުރައްވަމުން އުރުދުޣާން ވިދާޅުވީ، ވައިގެ ދިފާއަކީ ހަމައެކަނި ރަޝިޔާގެ އެސް-400 ނިޒާމަށް އެކަނި މާނަކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އެކި އުސްމިނުގައި ހަރަކާތްތެރިވާ މިސައިލް ނިޒާމުތަކުގެ މެދުގައި ހަމަޖެހިފައިވާ ގުޅުމެއް ހުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ނިޒާމުތައް މަސައްކަތް ކުރަންވާނީ ހަށިގަނޑެއްގައިވާ ގުނަވަންތަކެކޭ އެއްގޮތަށް

އުރުދުޣާން

މި ނިޒާމުގެ ތެރޭގައި ހިމެނޭ އެތައް ސިސްޓަމްތަކެއް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ރައީސް އުރުދުޣާން އިޢުލާން ކުރެއްވިއެވެ. މީގެ ތެރޭގައި ސެންސަރުތަކާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ޓެކްނޮލޮޖީ ގުޅުވައިލެވިގެން ދާނެއެވެ.

ސްޓީލް ޑޯމް މަޝްރޫޢު، ދިފާއީ ސިނާއަތްތަކާބެހޭ އެގްޒެކެޓިވް ކޮމިޓީން ފާސްކުރެއްވީ އޮގަސްޓު 6 ގައެވެ. ތުރުކީގެ މިހާރުގެ އަދި މުސްތަގުބަލުގެ މިސައިލް ނިޒާމުތައް އެއް އޮނިގަނޑެއްގެ ދަށުން ހަރަކާތްތެރިވާނެ ކަމަށް އޮފިޝަލުން ރިޕޯޓުކޮށްފައިވެއެވެ.

ތުރުކީގެ ދިފާއީ ސިނާއަތްތަކުގެ އިސްވެރިޔާ ހާލޫކު ގޯރުގުން ވިދާޅުވީ، މި މަޝްރޫޢު އެކުގައި ތަރައްގީ ކުރަމުން އަންނަނީ އަސެލްސަން، ރޮކެޓްސަން، ޓޫބިޓާކް ސޭޖް، އަދި އެމްކޭއީ އިން ކަމަށެވެ. ސްޓީލް ޑޯމް ނިޒާމުން ވައިގެ ފުރިހަމަ މަންޒަރެއް އުފައްދައި، ކޮމާންޑް ސެންޓަރުތަކަށް ވަގުތުން ފޮނުވާނެއެވެ. އަދި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އޮޕަރޭޝަނަލް ސެންޓަރުތަކަށް އަވަސް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެއެވެ. މި މުޅި ނިޒާމު ތުރުކީން ތަރައްގީ ކުރަމުންދަނީ އެ ގައުމުގެ އެތެރޭގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ދިފާއީ ކަންކަމުގެ ތަޖުރިބާކާރު ސިނާން އުލްގަން ބީބީސީ ތުރުކީއަށް ދެއްވި ބަސްދީގަތުމެއްގައި މި ސްޓްރެޓެޖީ "މުޅިން ރަނގަޅު" ކަމަށް ސިފަކުރެއްވިއެވެ. މި މަޝްރޫޢު ހަމައެކަނި ދިފާއީ ނިޒާމެއްގެ ގޮތުގައި ނުބަލައި، ދިގު ރާސްތާގެ ގައުމީ ވިސްނުމެއްގެ ގޮތުގައި ބެލުމަށް އޭނާ ތުރުކީއަށް ގޮވާލެއްވިއެވެ. އުލްގަން ވިދާޅުވީ، ސްޓީލް ޑޯމުން ތުރުކީގެ ދިފާއީ ސިނާއަތާއި މިސައިލް ސްޓްރެޓެޖީއަށް އެތައް އަހަރެއް ވަންދެން މަގުދައްކާނެ ކަމަށެވެ. 

ފަސް އަހަރު ކުރިން މިފަދަ ޤާބިލިއްޔަތު ތުރުކީގައި ނެތް ކަމަށް ވިޔަސް، މިހާރު ޑްރޯން، ސެޓެލައިޓް، އަދި މެދުފަންތީގެ ވައިގެ ދިފާއީ ނިޒާމުތައް ވެސް ތުރުކީގައި އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.އުލްގަން އިތުރަށް ވިދާޅުވީ، ގުޅިފައިވާ ސްޓީލް ޑޯމް ނެޓްވޯކަށް އެހީތެރިވެދިނުމަށް އެތައް ސަބްސިސްޓަމްތަކެއް ތުރުކީގައި އެބަހުރި ކަމަށެވެ. މި ކުރިއެރުމުގެ ވަގުތު އޭނާ ފާހަގަކުރެއްވިއިރު، އިސްރާއީލުން މިފަދަ ނިޒާމެއް ކަމަށްވާ އަޔަން ޑޯމް ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ސްޓީލް ޑޯމްގެ ނަންވެސް އެ ނަމުން އިންސްޕިރޭޝަން ލިބިފައިވާކަން އޭނާ ވިދާޅުވިއެވެ.

ދިފާއީ ތަޖުރިބާކާރުން ފާހަގަކުރެއްވި ގޮތުގައި، ބަދަލުވަމުންދާ ހަނގުރާމައާއި ކަންކަން އަވަހަށް ތަރައްގީވަމުންދާ މި ދުވަސްވަރު މިސައިލް ދިފާއީ ނިޒާމުތަކުގެ ބޭނުން ވަރަށް ބޮޑެވެ. އެމެރިކާގެ ދިފާއީ އެނަލިސްޓު އާރޮން ސްޓައިން ވެސް މި މަޝްރޫޢަށް ތަޢުރީފުކޮށްފައިވެއެވެ.

ސްޓީލް ޑޯމް ތައާރަފުކުރުމާއެކު، ތުރުކީގެ ރަޝިޔާގެ އެސް-400 ނިޒާމުގެ ހާލަތާ ބެހޭ ގޮތުން އަލުން ބަހުސްތައް ފެށިފައިވެއެވެ. އެނަލިސްޓް މުރާދު ޔެޓްކިން ލިޔުއްވާފައިވާ ގޮތުގައި، އެސް-400، ސްޓީލް ޑޯމްގެ ތެރެއަށް ގުޅުވައިލުން ވަރަށް އުނދަގޫވެދާނެއެވެ. އަދި، އޭނާ ވަނީ މި އާ ޤައުމީ ނިޒާމުގެ ބޭރުގައި އެސް-400 ބެހެއްޓޭނަމަ، އެ ނިޒާމުގެ އަގާ މެދު ސުވާލު އުފައްދާފައެވެ. އުލްގަން ވިދާޅުވީ، އެސް-400 ބެލެހެއްޓުމަށް ރަޝިޔާއިން ތަޖުރިބާކާރުން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި، އެކަމުން ނިޒާމު ގުޅުވައިލުމަށް ހުރަސް އެޅިދާނެ ކަމަށެވެ. އޭނާ އިންޒާރު ދެއްވީ، އެސް-400 ފަދަ ބޭރުގެ ނިޒާމުތަކުން ތުރުކީގެ ދިފާއީ ނެޓްވޯކްގެ ތެރޭގައި ވަގުތުން މައުލޫމާތު ބަދަލުކުރުމަށް ހުރަސްއަޅައިފާނެ ކަމަށެވެ.

ތުރުކީން އެސް-400 ރަޝިޔާއިން ގަތީ 2017 ވަނަ އަހަރު 2.5 ބިލިއަން ޑޮލަރަށެވެ. މި ނިޒާމު ރަޝިޔާއިން ޙަވާލުކުރީ 2019 ވަނަ އަހަރުއެވެ. އެކަމާ ގުޅިގެން އެމެރިކާއިން ވަނީ ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އަދި އެފް-35 ޕްރޮގްރާމުން ތުރުކީ ވަކިކޮށްފައެވެ.
އުލްގަން ވިދާޅުވީ، ސްޓީލް ޑޯމްގެ ބައެއް ކަމަށް ލަފާކުރެވޭ، ތުރުކީގެ ކުރު އަދި މެދުފަންތީގެ ވައިގެ ދިފާއީ ނިޒާމުތައް މިހާރުވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. ތުރުކީ ސިފައިން މިހާރުވެސް އަސެލްސަންގެ ކޯކުޓް ނިޒާމު ބޭނުންކުރަނީ ތިރިން އުދުހޭ ނުރައްކާތަކުން ދިފާއުވުމަށެވެ.

އަދި، ހިސާރު-އޯ ނިޒާމު ބޭނުންކުރަނީ ތިރި އަދި މެދުފަންތީގެ ދިފާއަށެވެ. އަސެލްސަން އިން ދިގު ރާސްތާގެ ސިޕެރު ވައިގެ ދިފާއީ ނިޒާމު މި އަހަރު ނިމުމުގެ ކުރިން ޙަވާލުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އުލްގަން ފާހަގަކުރެއްވީ، އާ ނެޓްވޯކް ބިނާކުރަމުން ދާއިރު، މިހާރު ހުރި ނިޒާމުތައްވެސް ތުރުކީން ބޭނުންކުރަމުން ދާނެ ކަމަށެވެ. ނަމަވެސް، މި ނިޒާމު ތަޖުރިބާކޮށް، އެ ނިޒާމުގެ އިތުބާރު ހިފެހެއްޓުމަށް ވަގުތު ނަގާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS