ކުޅިވަރު

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް: ކޮރެއާ ލަދުގަންނަވާލައި ރާއްޖެ ސެމީއަށް

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް: ކޮރެއާ ލަދުގަންނަވާލައި ރާއްޖެ ސެމީއަށް

އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގައި ރާއްޖެއާ ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން---

30 ޖޫން 2025، 09:30

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމު ކުޅުނު ހަތަރު ވަނަ މެޗުގައި، މުބާރާތް ބާއްވާ ސައުތު ކޮރެއާ ބޮޑު ތަފާތަކުން ބަލިކޮށް، ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

ކޮރެއާގެ ޖެއޯންޖޫގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމުން މިއަދު ކޮރެއާ ބަލިކުރީ 129-03 ޕޮއިންޓުންނެވެ. 

ކުރިން ކުޅުނު ތިން މެޗުން ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ރާއްޖޭގެ ޓީމުން ވަނީ ކޮރެއާއާ ދެކޮޅަށް އަދި މާ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމަށް ނޭވައެއްލާނެ ވަގުތެއް ވެސް ރާއްޖޭގެ ޓީމުން ދީފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ކުއާޓާގައި ވެސް ރާއްޖެއިން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. އެގޮތުން ފުރަތަމަ ކުއާޓާ ނިމުނީ 33-1 ޕޮއިންޓުންނެވެ.

ދެވަނަ ކުއާޓާގައި ކޮރެއާ ޓީމަށް އެއްވެސް ޕޮއިންޓެއް ހޯދުމުގެ ފުރުސަތު ނުދީ ރާއްޖެއިން ވަނީ ސްކޯ ދެގުނަކޮށްފައެވެ. އެގޮތުން ދެވަނަ ސެޓު ނިމުނީ 63-1 ޕޮއިންޓުން ރާއްޖެ ކުރީގައި އޮވެގެނެވެ. 

އޭގެ ފަހުން ތިން ވަނަ ކުއާޓާގައި 100 ޕޮއިންޓު ހަމަކުރަން 4 ޕޮއިންޓު ކައިރިޔަށް ޖެހެލިއިރު އެ ކުއާޓާގައި ވެސް ކޮރެއާއަށް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. އަދި ފަހު ކުއާޓާގައި ކާމިޔާބުކުރި 33 ޕޮއިންޓާއެކު މެޗު ނިމުނީ 129-03 ޕޮއިންޓުން ރާއްޖެއިން ތަރީޙީ ކާމިޔާބެއް ހޯދައިގެންނެވެ. 

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅޭ ފަހު މެޗު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ޕާކިސްތާނާ ދެކޮޅަށެވެ. މި މެޗަށް ނިކުންނައިރު ޕާކިސްތާނުން ވެސް ވަނީ ސެމީފައިނަލް ޔަޤީންކޮށްފައެވެ.

މުބާރާތުގައި 11 ޓީމުން ވާދަކުރާއިރު، މުބާރާތް ކުރިޔަށްދަނީ ދެ ގްރޫޕަކަށެވެ. އަދި ދެ ގްރޫޕުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ސެމީފައިނަލަށް ދަތުރުކުރާނެއެވެ.

ގްރޫޕް-އޭގައި ހިމެނެނީ މެލޭޝިއާ، ސިންގަޕޫރު، ސްރީލަންކާ، ހޮންކޮންގު އަދި އިންޑިއާއެވެ.

ގްރޫޕް-ބީގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ޕާކިސްތާން، ޗައިނީސް ޓައިޕޭ، ސައުތު ކޮރެއާ، ޖަޕާން އަދި ސައޫދީ ޢަރަބިއްޔާއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS